ގައުމުގެ އާބާދީއަކީ އެންމެ 3.7 މިލިއަން މީހުންނެވެ. ޖޯޖިއާގެ ފުޓުބޯޅަ، ވަކި ގައުމެއްގެ ގޮތުގައި މިނިވަންވީ 1990 ވަނަ އަހަރުއެވެ. އޭގެ ކުރިން އެއީ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. އެގައުމުގެ ފުޓުބޯޅައަށް ޔޫއެފާ އަދި ފީފާގެ މެންބަރުކަން ލިބުނީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޯލްޑް ކަޕާއި ޔޫރޯގެ ކޮލިފިކޭޝަންގެ މެޗުތަކުގައި ޖޯޖިއާއިން ދިޔައީ ވާދަކުރަމުންނެވެ. އެހެންނަމަވެސް ރަނގަޅު ފުޓުބޯޅަ ޖީލެއް ބިނާކުރެވި ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.
މިފަހަރު ޔޫރޯގެ ކުރިން އެއްވެސް ބޮޑު މުބާރާތެއްގައި ޖޯޖިއާ ވާދަކޮށްފައެއްވެސް ނުވެއެވެ. ވޯލްޑް ކަޕްގެ އިތުރުން ޔޫރޯގެ މުބާރާތެއްގައިވެސް މީގެ ކުރިން ޖޯޖިއާއިން ވާދަކޮށްފައެއް ނުވެއެވެ. ޖޯޖިއާ ފުޓުބޯޅައަށް ދިރުމެއް ލިބުނީ ޔޫރޯ ކޮލިފިކޭޝަންގައެވެ. ޕްލޭ އޮފާ ހަމައަށް ގޮސް، އެޓީމުން ވަނީ ގްރީސްވެސް ކަޓުވާލައިފައެވެ.
އެ ތާރީހީ ވަގުތުކޮޅުގެ ހަނދާން އަދިވެސް މުޅި ސްކޮޑުގައި އެބައޮތެވެ. ފުޓުބޯޅައަށް މަރުދޭ ޖޯޖިއާ ޕެނަލްޓީގައި ގްރީސް ބަލިކުރި ވަގުތު، ޓީމުގެ އޮފިޝަލުން ރޮއެ، ކުޅުންތެރިން ރޮއެ، ޕެނަލްޓީއާއެކު ސަޕޯޓަރުން ދަނޑަށް އަރައި އުފާފާޅުކުރި ކުރުން އަދިވެސް ހިތުން ފިލައިގެން ނުދެއެވެ.
"އަހަރެމެންގެ ގައުމުގެ ނޭވާއަކީވެސް، ވިންދަކީވެސް ފުޓުބޯޅަ. މި ހިސާބަށް އަންނަން ހޯދުނު ކާމިޔާބީގެ ވާހަކަ އަދިވެސް މުޅި އާބާދީގެ ހުރިހާ ރައްޔިތުން އެދަނީ ދައްކަމުން،" ޖޯޖިއާގެ ކެޕްޓަން ގުރާމް ކާޝިއާ ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.
ކަޝިއާއާއެކު މުޅި ޓީމަށްވެސް ގައުމުން ލިބެމުންދާ، ރައްޔިތުންގެ ލޯބިން އޭނާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖޯޖިއާއިން މެޗުގެ ކުރިން އިއްޔެ ބޭއްވި ޓްރެއިނިން ސެޝަނުގައި އެތައް ސަޕޯޓަރުންނެއް ސޮއިކޮށްފައި އޮތް ބޮޑު ދިދައެއް ދައްކާލިއެވެ. ދިދައިގައި ވަނީ ޓީމަށް ހެޔޮއެދި ދީފައިވާ މެސެޖުތަކެވެ. އެ މެސެޖުތަކާއެކު ދިދަ ހިފައިގެން އައި ސަޕޯޓަރު ޖަރުމަނަށް ގޮސްފައިވަނީ ޖޯޖިއާއިން ސްކޫޓަރު ސައިކަލެއްގައެވެ. 4000 ކިލޯމީޓަރުގެ ދަތުރެއްގައެވެ.
"4000 ކިލޯމީޓަރުގެ ދަތުރެއް ކޮށް، ޓީމަށް ހިތްވަރުގެ މެސެޖެއް ހިފައިގެން މިއައީ ސްކޫޓަރު ސައިކަލަކާ. އެއީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގޭ ކަހަލަ ކަންކަން. މުޅި ގައުމު އޮތީ އެއުފާވެރިކަމުގައި،" ކެޕްޓަން ކަޝިއާ ބުންޏެވެ.
އެ ނިމުނީކީ ނޫނެވެ. މުޅި ގައުމު ދަނީ މެޗު ބެލުމަށްވެސް ތައްޔާރުވަމުންނެވެ. ޖޯޖިއާގެ ވެރިރަށް، ތިބިލިސީގެ މޭޔަރަކީ ކުރިން ގައުމީ ޓީމަށް ކުޅުނު ކަހާ ކަލަޑްޒޭއެވެ. އޭނާ ވިދާޅުވެފައިވަނީ މުޅި ވެރިރަށް އެއްކޮށް ފުޓުބޯޅައިގެ ފޯރި ނަގަމުންދާތީވެ، އެންމެ ބޮޑު ސްޓޭޑިއަމް މިހެއިލް މެޝްކީ ސްޓޭޑިއަމްގައި ސްކްރީންތަކުގައި އަޅުވައިގެން އެއް ތަނެއްގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.
"އެންމެންވެސް ބޭނުންވޭ ގައުމީ ޓީމުން ހޯދި ކާމިޔާބީގެ އުފާވެރިކަމުގައި ބައިވެރިވާން. ބައިވަރު މީހުން ޖަރުމަނަށްވެސް ދިޔަ. އެކަމަކު އެވަރު ނުވެފައި ތިބި ބަޔަކުވެސް އެބަތިބި. އެހެންވީމަ އަހަރެމެން ނިންމީ ޖޯޖިއާގެ ގައުމީ ސްޓޭޑިއަމްގައި މެޗުތައް އަޅުވަން. ބޮޑު ސްކްރީންތަކުގައި މެޗު އަޅުވާފައި ވަނުން އޮންނާނީ ހިލޭ ކޮށްފައި. އެތަނުގައި ފޯރި ނެގުމަށް ގިނަ ކަންތައްތަކެއް ހިންގާނަން،" ކަލަޑްޒޭ ވިދާޅުވިއެވެ.
ޖޯޖިއާގެ ކޯޗު ވިލީ ސަގްނޯލަކީ ޔޫރަޕަށް އާ މޫނެއް ނޫނެވެ. ފްރާންސްގެ އެކަޑެމީތަކުން ކުރިއަރައިގެން ޕްރޮފެޝަލް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ މެޗުތަކެއް ކުޅެފައިވެއެވެ. އަރިމަތިން ފަހަތަށް ކުޅުނު ސަގްނޯލް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި މޮނާކޯ ފަދަ ކްލަބުތަކަށް ކުޅެ، ބަޔާން މިއުނިކްގައި ވިދައިވެސްލައިފައެވެ. ފްރާންސްގެ ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅުނު ސަގްނޯލް ބަޔާންއާއި ފްރާންސްގެ ޓެކްނިކަލް މަގާމުތަކުގައި މަސައްކަތްކޮށް ޖޯޖިއާ ފުޓުބޯޅައާ ހަވާލުވީ 2021 ގައެވެ. އެ މަސައްކަތް މިހާތަނަށް ކާމިޔާބެވެ.
ކޯޗުގެ ނަޒަރުގައި ޖޯޖިއާއަށް މިހާރު އޮތް ޗެލެންޖަކީ މުބާރާތަށް ފޯކަސް ކުރުމެވެ.
"ޕްލޭ އޮފްއަށް ފަހު އަހަރެމެންގެ ބައެއް ކުޅުންތެރިންނަށް އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރަންވެސް އުނދަގޫވި. އެއީ އުފަލުން. އޭރުގައި އުޅެމުންދިޔައީ ހުވަފެނީ ދުނިޔެއެއްގައި. އެހެންވިޔަސް، އެ ހުވަފެނުން ނުކުންނަން ޖެހިއްޖެ. އަހަރެމެން އަނެއްކާވެސް ފޯކަސް ކުރަން ޖެހިއްޖެ. އަހަރެން ޔޫރޯ ކޭމްޕް ފެށި ހިސާބުންވެސް ބުނަމުން މިދަނީ އެވާހަކަ. އެހެންވެ މިހާރު އެ ޑިސިޕްލިންނަށް ކުޅުންތެރިން ގެނެވިއްޖެ،" ސަގްނޯލް ބުންޏެވެ.
ޖޯޖިއާއާއި ތުރުކީ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024