ސްކޮޓްލޭންޑްގެ ޑިފެންޑަރު ރަޔަން ޕޯޓެއަސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސް، އޭނާއަށް ޔޫރޯ 2024ގެ ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗު ގެއްލޭނެކަން ޔަގީންވެއްޖެއެވެ.

ސްކޮޓްލޭންޑުން މިފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޯޓެއަސްއަށް ރަތް ކާޑު ދެއްކީ އޭރިއާ ތެރެއިން އިލްކޭ ގުންޑޮގަން ފަޔަށް ކުރި ޓެކުލެއްގެ ސަބަބުންނެވެ. އެ ޓެކުލް ފެނިގެންދަނީ ބޮޑު އަނިޔާއަކަށް މަގުފަހިވާގޮތަށް ކުރި ޓެކުލެއްގެ ގޮތުގައެވެ. އެހެންވެ ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކައި، ޖަރުމަނަށް ޕެނަލްޓީވެސް ދީފައެވެ.

ޕޯޓެއަސް އިތުރު އެއް މެޗަށް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އެ ޗެލެންޖް ރިވިއުކޮށް، ޔޫއެފާގެ ކޮންޓްރޯލް، އެތިކްސް، ޑިސިޕްލިނަރީ ބޮޑީން ބެލުމަށްފަހުއެވެ. އެ ކޮމިޓީން ބުނެފައިވަނީ އެ ޗެލެންޖަކީ ވަރަށް ގޯސް ކުޅުމެއް ކަމަށާއި އެ ޗެލެންޖަށް އިތުރު އަދަބެއް ދޭންޖެހޭ ކަމަށެވެ.

ސްކޮޓްލޭންޑުން ދެން ގްރޫޕް އޭގައި ކުޅެން އޮތް ދެ މެޗަކީ ސްވިޒަލޭންޑާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅެން އޮތް މެޗާއި އާދީއްތަ ދުވަހުގެ ރޭ ހަންގޭރީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ޕޯޓެއަސް ސަސްޕެންޑް ކުރުމުގެ އިތުރުން ސްކޮޓްލޭންޑް، 5625 ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައިވެއެވެ. އެއީ ދަނޑަށް އެއްޗެހި އުކައިގެންނެވެ.