ޔޫއެފާ ޔޫރޯ 2024ގައި ބެލްޖިއަމުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ސްލޮވާކިއާއާ ދެކޮޅަށެވެ. އެންމެފަހުން ކުޅުނު ޔޫރޯ 2020ގެ ކުއާޓާ ފައިނަލުން ބެލްޖިއަމް ކެޓީ ޗެމްޕިއަން އިޓަލީ ކައިރިން ބަލިވެގެންނެނެވެ. މިހާތަނަށް ޖުމުލަ ހަ ޔޫރޯއެއްގައި ވާދަކޮށްފައިވާ އިރު، އެޓީމުން ފުރަތަމަ ވާދަކުރީ ޖުމުލަ ހަތަރު ޓީމަކުން ވާދަކުރި ޔޫރޯ 1972 އެވެ. އެ މުބާރާތް ބޭއްވީ ވެސް ބެލްޖިއަމްގައެވެ. ބެލްޖިއަމުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ 1980ގެ ޔޫރޯގައެވެ. ޖުމުލަ އަށް ޓީމެއް ވާދަކުރި އެ މުބާރާތުގައި ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލުގައި ވެސްޓް ޖާމަނީ އަތުން ވަނީ ބަލިވެފައެވެ.

ޔޫރޯ 2016ގައި ބެލްޖިއަމް ވާދަކުރީ 16 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެ ޔޫރޯގެ ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ނަމަވެސް މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމްއަށް ކުއާޓާގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ބެލްޖިއަމް އެފަހަރު ކުއާޓާގައި ބަލިވީ ވޭލްސް އަތުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްގެ ރަން ޖީލުގެ ނިމުމާ ގާތްވެފައިވާ އިރު، އޭގެ ތެރެއިންވެސް މިހާރު ސްކޮޑުގައި ހިމެނެނީ މަދު ކުޅުންތެރިންނެވެ. އެހެންކަމުން ބެލްޖިއަމަކީ މިވަގުތަށް ފެވަރިޓެއް ނޫން ކަމަށްވެސް ބުނެވިދާނެއެވެ. އެހެން ނަމަވެސް، ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާ ގަބޫލުކުރާ ގޮތް ތަފާތެވެ.

"އަނިޔާއިން ރަނގަޅުވެގެން ޖެނުއަރީ މަހު އައިފަހުން އަހަރެންގެ އޮވަރޯލް ކުރިއެރުން ފާހަގަކުރެވެނީ ރަނގަޅަށް. އަހަންނަށް ގިނަ މެޗުތަކެއްވެސް ލިބިއްޖެ. އަހަރެން މިހާރު މިހުރީވެސް ރަނގަޅު ލެވެލްއެއްގައި. އެހެންވީމަ އަހަންނަށް މިހާރު ރަނގަޅުކަން އަމިއްލައަށްވެސް އިހުސާސް އެބަކުރެވޭ. އަހަރެން މިހުރީ ބެލްޖިއަމާއެކު މި މުބާރާތުގައި ތަފާތު ދެއްކޭނެ ކަމަށް ގަބޫލުކޮށްގެން،" ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ އިތުރަށް ބުނީ ޓީމު ތައްޔާރުކަމުގެ އިހުސާސް އޭނާއަށް ކުރެވޭ ކަމަށާއި، ތަފާތު ދައްކަން ތައްޔާރަށް ތިބި ކަމަށެވެ.

ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓަޑެސްކޯ ބުނީ މުބާރާތް ފަށާތީ ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އެއީ މިދިޔަ މަހެއްހާ ދުވަހު ބެލްޖިއަމްގެ ކުޅުންތެރިން ބުރަކޮށް ކުރި މަސައްކަތުގެ ފެންވަރު ފެންނާނީ މެޗެއް ކުޅެގެން ކަމަށް އޭނާ ގަބޫލުކުރާތީއެވެ. ޓަޑެސްކޯ ބުނީ ގްރޫޕްގެ ފެވަރިޓަކަށް ބެލްޖިއަމް ކިޔާފައި އޮންނަ ނަމަވެސް، އެއީ ހަމައެކަނި ލިޔުމުގައި އޮންނަ އެއްޗެއް ކަމަށެވެ. މިހާރު އޮތް ޓީމުތައް ފަސޭހަ ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ބެލްޖިއަމާއި ސްލޮވާކީއާ ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.