ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހުޅުމާލެ، ފްލެޓް ނަންބަރު 04-1-56 މުހައްމަދު ޒަކީ ނިޔާވެއްޖެއެވެ.
އުމުރުން 68 އަހަރުގައި ޒަކީ ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދުގެ ފަހުގައި ސަހަރާ މިސްކިތުގައި ވަނީ ކޮށްފައެވެ.
ޒަކީ ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒަކީއަށް މާތް ﷲ ރަހުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި ޒަކީގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ.
ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 3 މާރިޗް 1973 ގައެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އެގްރިކަލްޗާ މިނިސްޓްރީގެ ސީއައި ޑިވިޝަންގެ ފޯމޭނެއްގެ ވަޒީފާއެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނު ކަމާއި އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަމާއި ޕްރިންޓަރު ކަން ކުރެއްވިއެވެ.
އޭގެ އިތުރުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއާ ޕްރިންޓަރު ކަމާއި އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި ފޮތް ޗާޕުކުރާ ބައިގެ ސީނިއާ ޕްރިންޓަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.
އެ ފަހުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓަރު ކަމާއި ޕްރިންޓިން ސުޕަވައިޒަރުކަންވެސް ޒަކީ އަދާކުރެއްވިއެވެ.
އަދި އެ ޑިޕާޓްމަންޓުން ހިންގާ ޖީސީއީ އޯ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތާއި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލުގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ކަރުދާސްތައް ޓައިޕް ކުރުމާއި އެ ސުވާލު ޕޭޕަރުތައް ޗާޕުކުރުމާއި ކޮލޭޓް ކުރުމާއި ހީރަސްޖެހުމާއި ޕޭޕަރުތައް ޕެކް ކުރުމުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ.
އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔާ ކުރިއިރު ޒަކީ ހުރީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގައެވެ.
ޒަކީގެ މަސައްކަތުގެ އަގު ދައުލަތުން ވަޒަންކޮށް އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު