ރަޝިޔާ ސިފައިން 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ބައިނަލްއަގުވާމީ ފުޓްބޯޅައިން ރަޝިޔާ ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެންމެފަހުގެ ވޯލްޑްކަޕުން ރަޝިޔާ ނުފެނުމުގެ އެއްސަބަބަކީވެސް އެއީއެވެ. އަދި ކުރިއަށްއޮތް ޖޫންމަހު ޖަރުމަންވިލާތުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ރަޝިޔާ ނުފެންނާނެ ސަބަބަކީވެސް އެއީއެވެ. ޔުއޭފާގެ 55 މެންބަރުންގެ ތެރެއިން ޔޫރޯއަށް ކޮލިފައިވުމަށް މެޗުތަކެއް ކުޅުމުގެ ހުއްދަ ނުލިބުނު ހަމައެކަނި ގައުމަކީވެސް ރަޝިޔާއެވެ. ޔުއޭފާއަކީ ޔޫރަޕުގެ ފުޓްބޯޅައިގެ އިދާރާ ކަމަށްވާއިރު ޔޫރަޕުގެ އެންމެ ބިޔަ އަދި އެންމެ ބައިބޯ ގައުމުކަމަށްވާ ރަޝިޔާއޮތީ ޔޫރަޕުގެ ފުޓްބޯޅަ އާއިލާއިން އެކަހެރި ކުރެވިފައެވެ. ސަސްޕެންޑް ކުރެވިފައެވެ.

މިފަހަރުގެ ޔޫރޯއިން ރަޝިޔާ ނުފެނުނަސް، އަދި ޔޫރޯ ބެލުމަށްޓަކައި ޖަރުމަނީއަށް އެތެރެވުމުގެ ވިސާ ރަޝިޔާގެ ރައްޔިތުންނަށް ނުލިބުނު ކަމަށްވިޔަސް ޔުކްރޭނުގެ ހަނގުރާމައިގައި ޝާމިލްވާ އެހެން އެންމެންގެ ބައިވެރިވުން މިފަހަރުގެ ޔޫރޯގައި އެބައޮތެވެ. ވާދަކުރާ 24 ޓީމުގެ ތެރޭގައި ޔުކްރޭނު އެބަހިމެނެއެވެ. އަދި މި ހަނގުރާމައިގައި ޔުކްރޭނަށް ވާގިވެރިވާ ޔޫރަޕުގެ އެންމެހައި ގައުމުތައްވެސް އެބަހިމެނެއެވެ. އެކަމަކު މި ހަނގުރާމައިގައި ރަޝިޔާއަށް ތާއީދުކުރާތީ ޔުއޭފާއިން ވަނީ ބިލަރޫސްއާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ބިލަރޫސްއަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ މެޗެއް ކުޅުމުގެ ހުއްދައެއްވެސް ނެތެވެ.

ރަޝިޔާގެ ބައިވެރިވުމެއް އަދި ބިލަރޫސްގެ ބައިވެރިވުމެއް ނެތަސް ޔުކްރޭނުގެ ހަނގުރާމައިގެ ހިޔަނި މިފަހަރުގެ ޔޫރޯއަށް ވަރަށް ބޮޑަށް އެޅިގެންދާނެއެވެ. ފީފާޔާއި ޔުއޭފާއިން އަބަދުވެސް ބުނާ ވާހަކައެކެވެ. ކުޅިވަރާއި ސިޔާސީ ކަންކަން މަސްހުނިކޮށްގެން ނުވާނެއެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ތެރޭގައި ފަލަސްތީނަށް ތާއީދުކުރުމުގެ ޝުއޫރުތައް ފާޅުކުރުން ފީފާއިން ހުއްޓުވަން އުޅުނީ ކުރިން ދެންނެވި ބަހަނާ ބޭނުންކޮށްގެންނެވެ. މިކަން މިހެންއޮތަސް މިފަހަރުގެ ޔޫރޯ ވެގެންދާނީ ރަޝިޔާއާ ދެކޮޅު ޝުއޫރުތައް ފާޅުކުރުމުގެ ފޯރަމަކަށެވެ. ގްރޫޕް އީގައި ޔުކްރޭނު ކުޅޭ ކޮންމެ މެޗެއް ވާނީ ރަޝިޔާއަށް ހުކުމް އިއްވުމުގެ ދަރުބާރަކަށެވެ.

މިކަން ހުއްޓުވާކަށް ޔުއޭފާއަކުންވެސް އަދި ޖަރުމަންވިލާތަކުންވެސް މަސައްކަތެއް ނުކުރާނެއެވެ. ދޭނީ ހިތްވަރެވެ. އުދުވާނެއް ހިންގައިގެން ނުވަތަ އެހެން ބައެއްގެ ހައްގަށް އަރައިގެން ރަޝިޔާ ސަސްޕެންޑް ކުރަންޏާ އިޒްރޭލް ސަސްޕެންޑް ނުކުރަނީ ކީއްވެގެން ހެއްޔެވެ. އިޒްރޭލަކީ ޔުއޭފާގެ މެންބަރު ގައުމެކެވެ. އިޒްރޭލާ ދެކޮޅަަށް އެޅި ފިޔަވަޅެއް ނެތެވެ. މިފަހަރުގެ ޔޫރޯގައި ރަޝިޔާއާ ދެކޮޅު ޝުއޫރުތައް ފާޅުކުރުމުގެ ތިއޭޓަރަކަށްވާނީ ގްރޫޕް އީގައި ޔުކްރޭނު ކުޅޭ މެޗުތައް އެކަންޏެއް ނޫނެވެ. ގްރޫޕް އެފްގައި ޖޯޖިއާ ކުޅޭ މެޗުތައްވެސް ވާނީ ރަޝިޔާއާ ދެކޮޅުހެދުމާއި އަދާވާތްތެރިކަން ފާޅުކުރުމުގެ ތިއޭޓަރަކަށެވެ. ޔުކްރޭނު ފަދައިން ޖޯޖިއާއަކީވެސް ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ޖުމްހޫރިއްޔާއެކެވެ.

މިއީ ޔޫރޯގައި ޖޯޖިއާ ކުޅޭ ފުރަތަމަ ފަހަރެވެ. މި މުބާރާތުން މިފަހަރު ފެންނާނެ ސައުވީސް ޓީމުގެ ތެރެއިން މުޅިން އަލަށް ޔޫރޯއަށް ކޮލިފައިވި ހަމައެކަނި ގައުމަކީވެސް ޖޯޖިއާއެވެ. ޔުކްރޭނު ފަދައިން ޖޯޖިއާއަކީވެސް ރަޝިޔާއަށް ރުޅިއަރާ ގައުމެކެވެ. މިކަމުގެ ސަބަބަކީ ޖޯޖިއާގެ އުތުރުން އަބްޚާޒިއާ އާއި ސައުތު އޮސޭޝިއާއޭ ކިޔުނު ސަރަހައްދަށް ރަޝިޔާ ސިފައިން އަރައި އެތަންތަން ހިފައިގެންތިބޭ ތިބުމެވެ. އެގޮތުން ޖޯޖިޔާވެސް އޮތީ 2008 ވަނަ އަހަރުން ފެށިގެން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ ހާލަތުގައެވެ.

މިފަހަރުގެ ޔޫރޯގައި ޔުކްރޭނާއި ޖޯޖިޔާ ހިމެނުމާއި ރަޝިޔާ ސަސްޕެންޑްވެފައި އޮތުމާއި ޔުކްރޭނުގެ ހަނގުރާމައިގެ ބިރުވެރިކަމުގެ އަސަރު ފެތުރިފައިވާތީ ޔޫރޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ޖަރުމަންވިލާތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޔޫރޯ ބެލުމަށް ޖަމާވާ 2.5 މިލިއަން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހެއެވެ. ރެފްރީންނާއި ހުރިހާ އޮފިޝަލުންގެ ސަލާމަތަށް ޖާމިނުވާންޖެހެއެވެ. މެޗުތައް ކުޅެވޭ ޖުމްލަ ދިހަ ސްޓޭޑިއަމާއި ސައުވީސް ޓީމުގެ ބޭސް ކޭމްޕުތަކާއި ޓްރޭނިން ގްރައުންޑް ބަލަހައްޓަން ޖެހެއެވެ.

މިކަންކަން މިވަރަށް ގެންދަންޖެހެނީ މެދުއިރުމަތީގެ ހަނގުރާމައިގެ ހިޔަނިވެސް ޔޫރޯއަށް އެޅިފައިވާތީއެވެ. ޖަރުމަންވިލާތާއި ހުޅަނގު ޔޫރަޕުގެ ހުރިހައި ގައުމަކީ އިޒްރޭލަށް ތާއީދުކުރާ އިޒްރޭލުގެ ބައިވެރިންނެވެ. އެހެންވީމާ ޓެރަރިސްޓް ހަމަލައެއްގެ ބިރާއި ސައިބަރ އެޓޭކުތަކެއްގެ ބިރާއި ސްޓޭޑިއަމްތަކުގައި ހަމަނުޖެހުން ހިންގުމާއި މަގުމަތީގައި ތަޅާފޮޅުންތަކެއް ހިންގުމުގެ ބިރު ނުހަނު ބޮޑެވެ. ޔޫރޯގެ ސަލާމަތީ ކަންކަން ޖަރުމަންވިލާތުން ބަލަހައްޓާނީ ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުގެ ސަލާމަތީ އިދާރާތަކާ ގުޅިގެންނެވެ. އަދި އެމެރިކާއާވެސް ގުޅިގެންނެވެ. ޔޫރޯގެ އެއްވެސްކަމެއް ގޯސްވެއްޖެނަމަ އެއީ މުޅި ހުޅަނގަށް ކުރިމަތިވާ ލަދަކަށްވާނެއެވެ. ހުޅަނގު ލަދުގެންނެވުމަކީ ރަޝިޔާގެ ބޭނުމަކަށްވާނެއެވެ.