ޔޫއެފާ ޔޫރޯ 2024ގައި ނެދަލޭންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޕޮލެންޑް ބަލިކޮށްފިއެވެ.
ޖަރުމަނުގެ ހޭމްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ނެދަލޭންޑްސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، މިފަހަރުގެ ޔޫރޯއަށް ނެދަލޭންޑްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލައެވެ. މުބާރާތުގެ ކުރިން ނެދަލޭންޑްސް އިން އިއުލާން ކުރި ޔޫރޯ ސްކޮޑުގައި ހިމެނުނު ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯންގާއި އެޓަލާންޓާގެ މިޑްފީލްޑަރު ޓެއުން ކޫޕްމެއިނާސް ވަނީ އަނިޔާގެ ސަބަބުން ސްކޮޑުން ބާކީކޮށްފައެވެ.
ބަދަލުގައި ނެގީ ޗެލްސީގެ ލޯނެއްގައި ޑޯޓްމުންޑަށް ކުޅެމުންދާ އިއާން މާޓްސަން އާއި އިޓަލީގެ ބޮލޯނިއާއަށް ކުޅެމުންދާ ޖޯޝުއާ ޒިރްކްޒީއެވެ. އޭގެ އިތުރުން ސްކޮޑުގައި މި ވަގުތު ހިމެނޭ އަޔެކްސްގެ ފޯވަޑް ބްރައިން ބްރޮބޭވެސް އަދި ފިޓެއް ނޫނެވެ.
އަނެއްކޮޅުން ޕޮލެންޑަށްވެސް އަނިޔާގެ ބޮޑު މައްސަލައެއް މެޗުގެ ކުރިން އޮތެވެ. އެއީ ޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ މިއަދުގެ މެޗު ގެއްލުމެވެ. އެ ބަދަލާއެކު މިއަދުގެ މެޗަށް ނުކުތް ޕޮލެންޑް ކޮޅަށް ނެދަލޭންޑްސްއިން ފުރަތަމަ ނުރައްކާ ކުރިއެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާ، ޕޮލެންޑުގެ ތަޖުރިބާކާރު ކީޕަރު ވޮޖްސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައެވެ.
އޭގެ އިރުކޮޅެއްފަހުން ޖާޑީ ޝޫޓެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓިޖާނީ ރެއިންޑާސް ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެ ހަމަލާތަކަށްފަހު މެޗުގައި ލީޑު ނެގީ ޕޮލެންޑުންނެވެ. 16 ވަނަ މިނެޓުގައި އެ ގޯލު ޖެހީ އެޑަމް ބުކްސާއެވެ. ބުކްސާ ގޯލު ޖެހީ ކޯނަރެއްގައި ޕިއޮޓާ ޒީލިންސްކީ ނަގައިގެން ބޯޅަ، ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
ދާދި ހަމަހަމަކޮށް ފެނުނު ފުރަތަމަ ހާފުގައި ދެން އަނެއްކާވެސް ފެނުނީ ނެދަލޭންޑްސް ނުރައްކާ ބޮޑުކުރި ތަނެވެ. 20 ވަނަ މިނެޓުގައި ޖޯއީ ވާމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ ޕޮލެންޑުގެ ކީޕަރު ޝެޒްނީ މަތަކޮށްފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން މެމްފިސް ޑިޕާއީ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ނެދަލޭންޑްސްއިން ގޯލު ޖަހައި އެއްވަރުކުރީ، 29 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަކްޕޯއެވެ. އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕޮލެންޑުގެ ޑިފެންޑަރު ބާޓޯޒް ސަލަމޮންގެ ފައިގައި ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސް ދާދި އެއްވަރަކަށް ހަމަލާ އުފައްދަމުން ގޮސްފައިވާ އިރު، ނެދަލޭންޑްސްގެ ޑިޕާއީ ހާފުގެ ކުރީކޮޅުގައި ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ. އަދި ކައުންޓާގައި ޒަވީ ސިމޮންސްއަށް ލިބުނު ފުރުސަތުގައި އޭނާއަށް ގޯލު ޖެހޭ ގޮތެއް ނުވިއެވެ.
އޭގެފަހުން ޕޮލެންޑުން އަނެއްކާވެސް ނުރައްކާކުރިއެވެ. ނިކޮލާ ޒަލެވްސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔަކުބް ކިވިއޯ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު ވާބްރުގެން ވަނީ މަތަކޮށްފައެވެ.
އޭގެފަހުން ނެދަލޭންޑްސްއިން އަނެއްކާވެސް ގޯލަކަށް ބުރަކޮށް މަސައްކަތްކޮށްފައިވާ އިރު، ތަފާތަކަށްވީ ބަދަލަކަށް ނުކުތް ވޯޓް ވެގްހޯސްޓެވެ. އޭނާ ވަނީ މެޗަށް އެރިގޮތަށް އަރައި ނެދަލޭންޑްސްއަށް ލީޑު ނަގައިދިނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ވެގްހޯސްޓް ގޯލު ޖެހީ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އެ ގޯލަށްފަހު ޕޮލެންޑަށް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، ނެދަލޭންޑްސްއިން މޮޅަކާއެކު މުބާރާތް ފެށިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024