ޔޫއެފާ ޔޫރޯ 2024ގައި ސްލޮވޭނިއާ އިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ޑެންމާކާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުގެ ފެވަރިޓަކީ ޑެންމާކު ނަމަވެސް އަންޑަ ޑޯގެއްގެ ގޮތުގައި އޮވެ މެޗުން މޮޅުވެވިދާނެ ކަމަށް ސްލޮވޭނިއާގެ ކޯޗު، މަޓިއާޒް ކެކް ބުނެފިއެވެ.

ސްލޮވޭނިއާ އިން މީގެ ކުރިން ވާދަކުރި ޔޫރޯގެ ހަމައެކަނި މުބާރާތަކީ 2000 ވަނަ އަހަރު ބެލްޖިއަމާއި ނެދަލެންޑްސްގައި ބޭއްވި ޔޫރޯއެވެ. ގްރޫޕު ސްޓޭޖުގައި އެ ފަހަރު ސްޕެއިން އަތުން ސްލޮވޭނިއާ ބަލިވި އިރު، ޔޫގޮސްލާވިއާ އަދި ނޯވޭ އަތުން ވަނީ އެއްވަރުވެފައެވެ. އެ ފަހުން ބޮޑު މެދުކެނޑުމަކަށްފަހު ސްލޮވޭނިއާ އިން އަލުން ޔޫރޯއަށް އައުމުން ކުރެވެނީ އުފާވެރިކަމުގެ އިހުސާސެއް ކަމަށް ކޯޗު ކެކް ބުންޏެވެ.

"އަހަރެމެން މި މުބާރާތަށް ނައިސް މާގިނަ ދުވަސް ވެސް ވެއްޖެ. މި ސްޓޭޑިއަމްތަކަށް ނުކުމެ، ސްލޮވޭނިއާގެ ދިދަ ވިހުރުވާލުމުން އެ ލިބޭ އުފާވެރިކަމަށް އެތައް އިންތިޒާރެއް ކުރެވިއްޖެ،" ޕްރީ މެޗު ޕްރެސްގައި ކެކް ބުންޏެވެ.

ކެކް ބުނީ ސްލޮވޭނިއާގެ ޕޮސިޓިވް ކަންތައްތަކެއް އަބަދުވެސް ހުންނާނެ ކަމަށާއި އެއީ މަސައްކަތުގެ ރޭޓާއި ރޫހު ކަމަށެވެ. އެއީ އެހެން ޓީމުތަކަށް ސްލޮވޭނިއާ ބަލިކުރަން އުނދަގޫވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށްވެސް ބުންޏެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން އޭނާ ބުނީ ސްލޮވޭނިއާ އަބަދުވެސް ވިސްނާނީ ޕޮސިޓިވް ނަތީޖާއަށް ކަމަށާއި ފެވަރިޓަކީ ޑެންމާކު ނަމަވެސް، އަންޑަ ޑޯގެއްގެ ގޮތުގައި މެޗު ނެގުން އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

"މިރޭގެ މެޗަށް ފެވަރިޓަކީ ނެދަލޭންޑްސް. އެހެންވިޔަސް ފެވަރިޓުންނަކީ އަންޑަ ޑޯގުން އަތުން ބަލިވެސްވާ ބައެއް. އަހަރެމެން ޑެންމާކަށް އިހުތިރާމު ކުރަން. އެ ޓީމުގައި އެބަ ތިބި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން. އެ ޓީމަށް ބޮޑެތި ނަތީޖާތައްވެސް ނެރެވިދާނެ،" ކެކް ބުންޏެވެ.