ހައްޖުގެ އަޅުކަމުގެ ތެރެއަށް ދުންޔަވީ ކަންތައްތަކާއި ސިޔާސީ ކަންތައްތައް ނުވެއްދުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައްވައިފިއެވެ.

މަސްޖިދުއް ނަމީރާގައި މި އަހަރުގެ ހައްޖު ހުތުބާ މިއަދު އިއްވެވީ މަސްޖިދުލް ހަރާމްގެ އިމާމެއް ކަމަށްވާ އަލްގާރީ އައްޝައިހް ޑރ. މާހިރު ބިން ހަމަދު އަލްމުއައިގިލީއެވެ.

މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ތަގުވާވެރިވުމަށް ގޮވާލައްވައި ހުތުބާ ފައްޓަވަމުން އިމާމު ވަނީ އިސްލާމްދީނުގެ ރުހުންތަކަށް ފުރިހަމައަށް ތަބާވުމަށް ގޮވާލައްވައިފައެވެ. އޭގެ އިތުރުން އިންސާނާގެ ދިރިއުޅުން ތަރައްގީކޮށް ދޭން ބޭނުންވާ ހުރިހާ ކަމެއް އިސްލާމީ ޝަރީއަތުގައި ގެނެސްދީފައިވާކަން ފާހަގަކުރައްވައި ޝަރީއަތާ އެއްގޮތަށް ކަންތައްތައް ކުރުމަށްވެސް ގޮވައިލެއްވިއެވެ.

އެގޮތުން އަހުލާގީ ސިފަތަކާއި ގާތްތިމާގެ ގުޅުން ގާއިމުކޮށް، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ހައްގުވެރިންނަށް އެ މީހުންގެ ހައްގުތައް އަދާކޮށް ދިނުމަށް ރައްކާތެރިވުމަށް އިސްލާމްދީން ގޮވާލާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އަމާނާތްތެރިކަން ގާއިމުކުރުމަށާއި އަދުލުވެރިވުމާއި އިހުސާންތެރިކަން ގާއިމުކުރުމަށާއި ފާހިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކުރުމަށް އަންގަވާފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

އިމާމު އިތުރަށް ވަނީ ހައްގަކާ ނުލައި އެެއްވެސް މީހަކަށް އަނިޔާއެއް އަދި ގެއްލުމެއް ދިނުމާއި މީހުންގެ މުދަލަށް އަރައިގަތުން އިސްލާމް ދީނުގައި މަނާކުރައްވާފައިވާކަން ފާހަގަކުރައްވައި ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލުމަށާއި މާތް ﷲ އަށް ތަގުވާވެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އިސްލާމް ދީން އަމުރުކުރައްވާފައިވާ ގޮތަށް އުޅޭ މީހުންނަށް ދެ ދުނިޔޭގައި ހެޔޮ ގޮތް މިންވަރު ކުރައްވާނެ ކަމަށާއި ﷲ އަށް ތަގުވާވެރިވާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް މިންވަރު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރަލާއި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިއަކީ ޝައިތާނާގެ ކަމެއް ކަމަށާއި އެއީ ދިރިއުޅުމުގެ ހަލާކުކަން ފާހަގަކުރައްވައި އެކަމުން ދުރުހެލުވުމަށްވެސް ހުތުބާގައި ގޮވާލެއްވިއެވެ.

އިމާމު ވަނީ ކީރިތި ރަސޫކާ ހައްޖަތުލް ވަދާއުގައި ދުއާކުރެއްވި ފަދައިން އެކި ކަންކަމަށް އެދި މާތް ﷲގެ ހަޒުރަތުން ދުއާ ދެންނެވުމަށްވެސް ގޮވާލައިފައެވެ. އަދި މިފަދަ ދުވަހެއްގައި ފަލަސްތީންގެ މުސްލިމް އަހުންނާއި އުހުތުންގެ ސަލާމާތަށް ދުއާކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.