ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސްކަން ފާހަގަކުރައްވައި ﷲގެ ރުއްސެވުމާއި ފުއްސެވުމާއި މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާ ކުރައްވާފައިވެއެވެ.

ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1،000 މީހުން ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގަތް ރިޔާސީ ވައުދުގެ ދަށުން ފުރަތަމަ ހައްޖަށްދާ 50 މީހުން، މި މަހުގެ ހަތްވަނަ ދުވަހު ވަނީ ސައުދީ އަރަބިއްޔާއަށް ފުރައިފައެވެ.