ކްރޮއޭޝިއާ ބަލިކުރަން ވިސްނާއިރު ހަމައެކަނި ލޫކާ މޮޑްރިޗަށް އެކަނި ވިސްނައިގެން ފަރުޖައްސައެއް ނުލެވޭނެ ކަމަށް ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީގޯ ބުނެފިއެވެ.
ޔޫރޯ 2024ގައި ސްޕެއިނުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ވާދަވެރި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނެއެވެ. ސްޕެއިނުން މިދިޔަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކޮށް، ފޯމުގައި އޮތްއިރު، އެފަހަރުގެ ފައިނަލުގައި ކުރި ހޯދީ ކްރޮއޭޝިއާގެ މައްޗަށެވެ. މިދިޔަ ޔޫރޯ 2020ގެ ގަދަ 16 ގައިވެސް ސްޕެއިނާއި ކްރޮއޭޝިއާގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެން ގޮސްފައިވެއެވެ. އެ މެޗުވެސް 5-3ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިނެވެ. އެހެންކަމުން ކްރޮއޭޝިއާ މިހާރު އޮތީ ބަދަލުހިފުމުގެ ރޫހެއްގައެވެ.
މެންޗެސްޓާ ސިޓީގެ ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީގެ ނަޒަރުގައިވެސް ކްރޮއޭޝިއާ ވަރަށް ނުރައްކާވާނެއެވެ. ހާއްސަކޮށް އެ ޓީމުގެ މެދުތެރެއިން ރެއާލް މެޑްރިޑްގެ މޮޑްރިޗްގެ ނުރައްކާ ބޮޑުވާނެ ކަމަށް ރޮޑްރީ ބުނި ނަމަވެސް، އޭނާ ބުނީ އެ ޓީމަކީ ހަމައެކަނި މޮޑްރިޗް ނޫން ކަމަށެވެ.
"ކްރޮއޭޝިއާއަކީ އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޓީމެއް. ކްރޮއޭޝިއާ އަކީ އަބަދުވެސް އަހަރެމެންގެ ރައިވަލްއެއް. އެ ޓީމާއެކު ކުޅޭ މެޗު އަބަދުވެސް ބަރޯސާވާނީ މެދުތެރޭގެ ކުޅުމަށް. އެ ޓީމުގައި އެބަ ތިބި ދުނިޔޭގެ އެންމެ ކޮލިޓީ ރަނގަޅު މިޑްފީލްޑަރު. އެހެންވިޔަސް، ކްރޮއޭޝިއާއަށް ވިސްނާއިރު ހަމައެކަނި މޮޑްރިޗަށް ވިސްނައިގެން ނުފުދޭނެ. ބޮޑެތި މެޗުތައް މެނޭޖުކުރަން ކްރޮއޭޝިއާ ވަރަށް މޮޅުވާނެ. އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާ ވަރަށް ވާދަވެރި ކުޅުންތެރިން. އެހެންވީމަ މުޅި ޓީމަށް ފޯކަސް ކުރަންޖެހޭ،" ޕްރީ މެޗު ޕްރެސްގައި ރޮޑްރީ ބުންޏެވެ.
ސިޓީ އާއެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ރޮޑްރީ ބުނީ ސްޕެއިންގެ ފެންވަރު މިދިޔަ ދުވަސްތަކުގައި ސާބިތުކޮށްދީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެވިއްޖެ ކަމަށާއި މިފަހަރު ޔޫރޯއަށް ސްޕެއިން ނުކުތީ ސީދާ ތަށީގެ އަމާޒުގައި ކަމަށެވެ. ތަށީގެ ވިސްނުމުގައި ޓީމު އޮތް ނަމަވެސް ކުޅުންތެރިން ވިސްނަމުންދާނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި ހާއްސަކޮށް މާ އަވަސްކޮށް، މުބާރާތުގެ ނޮކްއައުޓަށް ވިސްނެން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ، ސްޕެއިން އޮތީ މަރުގެ ގްރޫޕުގައިކަން ވިސްނަންޖެހޭ ކަމަށެވެ.
ސްޕެއިނުން ގްރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެގަޑިން 9:00 ގައެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ އިޓަލީއާއި އަލްބޭނިއާއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024