ކްރިއޭޝިއާ އަކީ ފުޓްބޯޅައިގައި އާދަޔާހިލާފު ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެއް ކަމަށާއި އެ ކާމިޔާބީތައް ދައްކޮށްލާފައި ވާހަކަދައްކާތީ ހިތްހަމަނުޖެހޭ ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.

ކްރޮއޭޝިއާގެ އާބާދީ މަދު ނަމަވެސް، އެ ގައުމުން ވަނީ ފުޓުބޯޅައިގައި ދުނިޔޭގެ ބޮޑެތި ބާރުތަކަށްވުރެ މާ މައްޗަށް ޖެހިލައިފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމުގައި އުފެދުނު ރަން ޖީލުގެ ފެންވަރު ސާބިތުކޮށްދިން ވޯލްޑް ކަޕެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕުން ކްރޮއޭޝިއާ ވަނީ ރިހި މެޑަލް ހޯދައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ކްރޮއޭޝިއާ އަކީ އެ ވޯލްޑް ކަޕްގެ ސަޕްރައިޒިން ޓީމެވެ.

އޭގެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022ގައި ވެސް ކްރޮއޭޝިއާގެ ނަތީޖާ ރަނގަޅެވެ. ސެމީ ފައިނަލުގައި ޗެމްޕިއަން އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، ކްރޮއޭޝިއާ އިން މުބާރާތް ނިންމާލީ ތިންވަނަ ހޯދައިގެންނެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ކްރޮއޭޝިއާ އިން މޮޅުވީ ހައިރާންކުރަނިވި ނަތީޖާތަކެއް ހޯދަމުންދިޔަ މޮރޮކޯ އަތުންނެވެ.

ޔޫރޯގެ ތާރީހަށް ބަލާއިރު، 1996 އަހަރުގެ ޔޫރޯއާއި 2008ގެ ޔޫރޯއަކީ އެ ގައުމަށް އެންމެ ކާމިޔާބު ދެ މުބާރާތެވެ. އެ ދެ އަހަރުވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، 1996 ވަނަ އަހަރު ކުއާޓާ އިން ބަލިވީ ޖަރުމަނު އަތުންނެވެ. 2008 ވަނަ އަހަރު ކުއާޓާ އިން ކެޓީ ތުރުކީ އަތުން ބަލިވެގެންނެވެ. އެންމެފަހުން ބޭއްވި ޔޫރޯ 2020ގައި ކްރޮއޭޝިއާ ގަދަ 16 އިން ކެޓީ ސްޕެއިން ކައިރިންނެވެ. އެ ކާމިޔާބީތަކުގެ ވާހަކަ އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ދައްކަމުން ކޯޗު ޑަލިޗް ވަނީ އަސަރުގަދަ ވާހަކަތަކެއް ދައްކައިފައެވެ.

"ކްރޮއޭޝިއާ އިން ފުޓުބޯޅައިގައި މި ހާސިލުކުރާ ކަންތައްތަކަކީ ހައިރާންކުރުވަނިވި ކާމިޔާބީތަކެއް. އަހަރެން ބުނަން ބޭނުން މިއީ އެހެން ގައުމުތަކަށް ކުރެވޭނެވެސް ކަންތައްތަކެއް ނޫން. އަހަންނަށް ވަރަށް އުނދަގޫވެ، އަހަރެމެން އަންޑައެސްޓިމޭޓްކޮށް ބައެއް މީހުން ވާހަކަދައްކާތީ. މި ކްރޮއޭޝިއާ ޓީމަށް އިހުތިރާމު ކުރަންޖެހޭ. މަދު ކުޅުންތެރިންތަކެއްގެ ތެރެއިން ޓީމެއް ނަގައިގެން ނުކުމެ، ގޮންޖެހުން ތަކާއެކު މި ހޯދޭ ކާމިޔާބީތަކަށް އިހުތިރާމު ކުރަންޖެހޭ،" ޑަލިޗް ބުންޏެވެ.

ޑަލިޗް އިތުރަށް ބުނީ މިފަހަރުގެ މަރުގެ ގްރޫޕަކީ އެ ޓީމު ހިމެނޭ ގްރޫޕް ބީ ކަމަށެވެ. ގުރޫޕް ބީގައި ކްރޮއޭޝިއާގެ އިތުރުން ދެން ހިމެނެނީ ސްޕެއިން އާއި އިޓަލީގެ އިތުރުން އަލްބޭނިއާއެވެ. ޑަލިޗް ބުނީ ސްޕެއިނާ ދެކޮޅަށް މިރޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބަދަލުހިފުމަށް ކަމަށެވެ.

"ސްޕެއިނުން ނޭޝަންސް ލީގުގެ ފައިނަލުގައިވެސް އަހަރެމެން ބަލި ކުރި. އަދި އޭގެ ކުރިން ޔޫރޯގައިވެސް ގަދަ 16 ގައި ފޯރިގަދަ މެޗެއް ކުޅެގެން ސްޕެއިނުން އަހަރެމެން ބަލިކުރީ 5-3 އިން. އަހަރެމެންނަށް ސްޕެއިނާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ ލިބިފައި މިހާރު މި ތިބީ. އެހެންވީމަ އެ ބަލިތަކަށް ބަދަލުހިފަން ނުކުންނާނީ،" ޑަލިޗް ބުންޏެވެ.

ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރާ ޔޫރޯ 2024 ގެ ގްރޫޕް ބީ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.