އަލްބޭނިއާ އަށް ވޯލްޑް ކަޕް 1934 ގައި ވާދަކުރުމުގެ ދައުވަތު ލިބުނު ނަމަވެސް، ބައެއް ލޮޖިސްޓިކް މައްސަލަތަކާ ގުޅިގެން އެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެ ފަހުން އަލްބޭނިއާއަށް ވޯލްޑް ކަޕެއްގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ގާތްގަނޑަކަށް ތިން މިލިއަން މީހުން އާބާދީއެއް އޮންނަ އަލްބޭނިއާ ފުރަތަމަ ޔޫރަޕުގެ އެންމެ މަތީ ފަންތިއަށް ފެނިލީވެސް 2016 ވަނަ އަހަރުއެވެ. ޔޫރޯ 2016 އަށް ކޮލިފައިވެ، އަލްބޭނިއާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައެވެ. އަލްބޭނިއާ އިން ރުމޭނިއާ ބަލިކުރި އިރު، ބަލިވީ ވަރުގަދަ ފްރާންސާއި ސްވިޒަލެންޑް އަތުންނެވެ.

އަލްބޭނިއާ އިން މި ފަހަރުގެ ޔޫރޯގައި ވާދަކުރާނީ މެދުކެނޑުމަކަށްފަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މުބާރާތުގެ މަރުގެ ގްރޫޕުގައި ހިމެނުމެވެ. އަލްބޭނި އާއާއެކު އެ ގްރޫޕުގައި ދެން ހިމެނެނީ ވަރުގަދަ އިޓަލީ އާއި ސްޕެއިން އަދި ކްރޮއޭޝިއާއެވެ. އެހެންކަމުން އެންމެ ޕޮއިންޓަކަށްވެސް އެ ޓީމުން ކުރަންޖެހޭ މަސައްކަތުގެ ބުރަކަން މާކުރިންވެސް އޮތީ އެނގިފައެވެ. އަލްބޭނިއާ އިން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުރަން އުޅޭ ދަތުރުގެ ހުންގާނުގައި ހުރީ ހަމަ ޔަގީނުންވެސް ފުޓުބޯޅައަށް ލޯބި ކުރާ މީހުންނަށް އާ މޫނެއް ނޫނެވެ.

ބްރެޒިލްގެ ގައުމީ ޓީމަށްޗެސް ކުޅުނު ސިލްވީނިއޯއެވެ. ސިލްވީނިއޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފަށައި، އެ ކްލަބާއެކު ބްރެޒިލް ލީގު ހޯދައިފައެވެ. އޭގެ ފަހުން އާސެނަލް އާއެކު އެފްއޭ ކަޕް ހޯދައި، ބާސެލޯނާއެކު ތިން ފަހަރަށް ލަލީގާ އަދި ދެ ފަހަރަށް ޗެމްޕިއަންސް ލީގުވެސް އޭނާ ހޯދިއެވެ. އެ ކާމިޔާބު ކެރިއަރަށްފަހު ކޯޗިންނަށް ނުކުމެ، ސިލްވީނިއޯގެ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު ފްރާންސްގެ ލިޔޯން އިންނެވެ. ނަތީޖާތައް ގޯސްވުމާ ގުޅިގެން ގިނަ ދުވަސްތަކެއް ނުވެ މަގާމުން ދުރަށް ދާން ޖެހުނު ސިލްވީނިއޯ ވަނީ ކޮރިންތިއަންސްއަށް ވެސް އިރުޝާދު ދީފައެވެ.

އޭގެ ފަހުން އަލްބޭނިއާއާ ސިލްވީނިއޯ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. ސިލްވީނިއޯ އަށް ހަވާލުކުރި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ޔޫރޯ 2024 އަށް ކޮލިފައިވުން ހިމެނުނު އިރު، އޭނާގެ އެސިސްޓަންޓުންގެ ތެރޭގައި އާޖެންޓީނާ ލެޖެންޑް ޕަބްލޯ ޒަބަލޭޓާ ހިމެނެއެވެ.

ކުރިއަށް އޮތް ޔޫރޯގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ނުކުތުމާ ގުޅިގެން ވާހަކަ ދައްކަމުން ސިލްވީނިއޯ ވަނީ ފުރަތަމަ މެޗުން މޮޅެއް ހޯދުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

"އަހަރެން ހަނދާން އެބަހުރި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލް ސްވިޒަލޭންޑާ އެއްވަރުވި ހަނދާން. އެ މެޗުން ލިބުނު ނަތީޖާ ސަބަބުން މުޅި މުބާރާތް ބްރެޒިލަށް ދިޔައީ ގޯސްކޮށް، އެހެންވީމަ ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް،" ސިލްވީނިއޯ ބުންޏެވެ.

ސިލްވީނިއޯ އިތުރަށް ފާހަގަކުރި އެންމެ މުހިންމު ކަމަކީ ކޮލިފިކޭޝަނާ މުބާރާތް އެއްގޮތް ނުވާނެ ކަމެވެ. އޭނާ ބުނީ ކޮލިފިކޭޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ޔޫރޯއަށް ނުކުތް ނަމަވެސް، މުބާރާތުގެ އުނދަގޫކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ވަކިން ހާއްސަކޮށް އަލްބޭނިއާ ހިމެނޭ ގްރޫޕްގައި އޮތް ޓީމުތަކުގެ ފެންވަރާމެދު އެއްވެސް ސުވާލެއް އުފައްދައިގެން ނުވާނެ ކަމަށެވެ.

އަލްބޭނިއާ ހިމެނޭ ގްރޫޕް ބީގައި އިޓަލީގެ އިތުރުން ދެން ހިމެނެނީ މުބާރާތް މީގެ ކުރިން ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ސްޕެއިނާއި ވަރުގަދަ ކްރޮއޭޝިއާގެ އެޓީމަށް އޮތް ޗެލެންޖް ބޮޑެވެ. އެ ޗެލެންޖްތައް ގިރާކުރަން މިރޭ އެންމެފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 12:00 ގައެވެ.