މިފަހަރުގެ ޔޫރޯގެ ރަސްމީ މެސްކޮޓަކީ ޒާތަކަށް ފަރުމާކުރެވިފައިވާ ސާރިދޯޅެކެވެ. ނަމަކީ އަލްބާޓެވެ. ޔޫރޯގެ ތާރީޚުގައި އެކި މުބާރާތްތަކުގައި ރަސްމީ މެސްކޮޓްގެ ގޮތުގައި އާއްމުކޮށް ބޭނުންކުރެވިފައިވަނީ ކޮންމެވެސް ޖަނަވާރެއްގެ ސޫރައެވެ. ބައެއްފަހަރު ސިންގާއެކެވެ. ފުއްލާއެކެވެ. މުސަޅެކެވެ. އެގޮތުން މިފަހަރު ސާރިދޯޅެކެވެ.

މިފަހަރުގެ މެސްކޮޓަށް އަލްބާޓްގެ ނަންދެވުނީ ޔޫރަޕުގެ ފުޓްބޯޅަޔާބެހޭ އިދާރާ ޔުއޭފާގެ ރަސްމީ ވެބްސައިޓަށް ވަދެއުޅޭ މީހުންނާއި މުޅި ޔޫރަޕުގެ ހުރިހާ ގައުމެއްވެސް ހިމެނޭގޮތުން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ނެގުނު އޮންލައިން ވޯޓަކުންނެވެ. ބައިވެރިވި މީހުންގެ ތެރެއިން ބައްތިރީސް އިންސައްތަ މީހުންނަށް އެންމެ ކަމުދިޔައީ އަލްބާރޓެވެ. ޝޯޓްލިސްޓް ކުރެވުނު ނަންނަމުގެ ތެރޭގައި ގިނައީ ޖަރުމަން ބަހުން ސާރިދޯޅަށް ކިޔާ ކޮންމެވެސް ނަމެކެވެ.

މިފަހަރުގެ ޔޫރޯގައި ބޭނުންކުރާ ރަސްމީ މެސްކޮޓް އާއްމުންނަށް އެންމެ ފުރަތަމަ ދައްކައިލީ ހުސްވި އަހަރުގެ ޖޫންމަހު ޖަރުމަންވިލާތާއި ކޮލަމްބިއާ ކުޅުނު އެކުވެރިކަމުގެ މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމްގައެވެ. އެކަމަކު އޭގެކުރިން ހަމައެދުވަހު ހެނދުނު ޖަރުމަންވިލާތުގެ ސްކޫލެއްގެ އެސެމްބްލީގައިވެސް މެސްކޮޓް ދައްކާލާފައިވެއެވެ. ބޭނުމަކީ ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް މެސްކޮޓާއެކު މިފަހަރުގެ ޔޫރޯ ޕްރޮމޯޓްކުރުމެވެ.

ޔުއޭފާގެ މެންބަރު ހަމަހުރިހާ ގައުމެއްގެ އެކި ސްކޫލްތަކުގައި އަލްބާޓް ދައްކައިލުމާއި ޕްރޮމޯޓްކުރުމުގެ އެކި ހަރަކާތްތައް ފާއިތުވި އެއްއަހަރުގެ ތެރޭގައި ވަނީ ހިންގިފައެވެ. މި މެސްކޮޓާމެދު މުބާރާތް އިންތިޒާމްކުރާ ކޮމިޓީގެ ފަރާތުން ޖަރުމަންވިލާތުގެ ކުރީގެ ފުޓްބޯޅަތަރި ފިލިޕް ލާމް ބުނެފައިވަނީ ކުޑަކުދިންނާއި ޒުވާނުން ރުހޭކަހަލަ މަޖާ އެއްޗެއް ނެރުމަށް އިސްކަން ދެވުނު ކަމަށާއި އަލްބާޓް ފަރުމާކުރެވުނީ މިހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެން ކަމުގައެވެ.

ޖަރުމަންވިލާތުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ނާއިބުރައީސް އަދި މި މުބާރާތުގެ އެމްބެސެޑަރެއް ކަމަށްވާ ސީލިއާ ސަސިޗް ވިދާޅުވީ އަލްބާޓްގެ ފަރުމާއަކީ ކުޑަކުދީންނާއި ޒުވާނުންނަށް މުހިންމު މެސެޖެއް ދިނުމުގެ ފަރުމާއް ކަމަށެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި ކަންކަންކުރުމުގައި ތަނަވަސް ޚިޔާލާއި ފިކުރަށް އިސްކަންދިނުމުގެ މުހިންމުކަން ކިޔައިދިނުމަކީ މި މެސްކޮޓްގެ މެސެޖުކަމަށް އޭނާ ވިދާޅުވިއެވެ.