(7 ޖޫންގެ އަދަދާ ގުޅޭ)

ޤުރައިޝުވަންހައިގެ މީހުން ނަޟީރުވަންހައިގެ މީހުންނަށް ޚަބަރު ފޮނުވިއެވެ. "ތިޔަބައިމީހުން محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ޤަތުލުކޮށްލާށެވެ. އެހެންނޫނީ އަހަރެމެން މަދީނާއަށްގޮސް ތިޔަބައިމީހުންވެސް ވުޖޫދުން ފޮހެލާނޫއެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރުމަކީ ނަޟީރުވަންހައިގެ މީހުންވެސް ކުރާން ބޭނުންވެފައިތިބި ކަމެކެވެ. އެހެންކަމުން ޤުރައިޝުންގެ މެސެޖު ލިބުމާއެކު އެބައިމީހުން އަވަސްއަވަހަށް އެކަމާ އުޅޭންފަށައިގަތެވެ.

ނަޟީރުވަންހައިގެ މީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ޚަބަރު ފޮނުވިއެވެ. "ކަލޭގެފާނު ތިރީސްމީހުން ގޮވައިގެން އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ޙިބްރުން ގެންނާނޫއެވެ. އެބޭކަލުން ކަލޭގެފާނު ތަޞްދީޤު ކުރައްވައިފިކަމުގައިވާނަމަ އަޅުގަނޑުމެންގެ އެއްވެސް ޢުޒުރެއް ނޯންނާނެއެވެ." އޭރު އެބައިމީހުން ތިބީ ބަޣާވާތްކުރާން ތައްޔާރުވެގެންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ވަނީ އެޚަބަރު ލިބިވަޑައިގެންފައެވެ. އެހެންކަމުން އެމާތް ސާހިބާ އެއުރެންނަށް އެންގެވިއެވެ. "އެންމެފުރަތަމަ ކަމަކަށް ތިޔަބައިމީހުން އައު މުޢާހަދާއެއް ކުރާށެވެ. އެހެންނޫނީ ތިޔަބައިމީހުންނަކަށް އިތުބާރެއް ނުކުރެވޭނެއެވެ." ނަޟީރުވަންހައިގެ މީހުން މުޢާހަދާ އައުކުރާކަށެއް އެއްބަހެއް ނުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނަޟީރުވަންހައިގެ މީހުން އެބައިމީހުން ޙާލުގެ މަގަށް ދޫކޮށްލައްވައިފައި ވަޑައިގެންނެވީ ޤުރައިޡަތުވަންހައިގެ މީހުންގެ ގާތަށެވެ. މުޢާހަދާ އައުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުން އެމީހުން އެކަމާ އެއްބަސްވެ މުޢާހަދާ އައުކޮށްފިއެވެ. ނަޟީރުވަންހައިގެ މީހުންގެ ކުރިމަތީގައި އެބައިމީހުން އަޚުންގެ ނަމޫނާ ފެންނާންއޮތެވެ. އެކަމަކު އެބައިމީހުން މުޢާހަދާ އައުކުރާކަށެއް އެއްބަހެއް ނުވިއެވެ. އެމީހުން އަނެއްކާވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އައު ހުށަހެޅުމެއް ހުށަހެޅިއެވެ. އެފަހަރު އެބައިމީހުން ދެންނެވީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އެކުވެރީންގެ ތެރެއިން ތިންބޭކަލަކު ގޮވައިގެން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވުމަށެވެ. އެބައިމީހުންވެސް ތިން ޢާލިމަކު ގޮވައިގެން އަންނާނެކަމަށާއި އެތިން ޢާލިމުން އިތުރު ސާހިބާގެ ދަޢުވަތު ޤަބޫލުކުރައްވައިފި ކަމުގައިވާނަމަ އެބައިމީހުން އިސްލާމްވެދާނެ ކަމުގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރު އެބައިމީހުންގެ ތެރެޔަށް ފައިންޕުޅު ބީއްސަވާން ގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. އެކަމަކު ޔަހޫދީން އެފަހަރުވެސް ތިބީ ހަތިޔާރު އަޅައިގެންކަމާއި އެބައިމީހުންގެ މަޤްޞަދަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކޮށްލުންކަން އިތުބާރުހުރި ގޮތެއްގައި އެނގިވަޑައިގެންފިއެވެ. ނަޟީރުވަންހައިގެ އަންހެނަކު އޭނާގެ އަޚު އަންޞާރިއްޔަ ބޭކަލަކަށް އެވާހަކަ ދެންނެވިއެވެ. (ރަސޫލެ ރަޙްމަތު، މައުލާނާ އަބުލްކަލާމް އާޒާދު، ސީރަތުއްނަބިއްޔު، ޢައްލާމާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާނު ނަދުވީ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރުވެސް ނަޟީރުވަންހައިގެ މީހުނާމެދު ފިޔަވަޅެއް ނާޅުއްވައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ހާދިސާއަށްފަހުވެސް ނަޟީރުވަންހައިގެ މީހުންގާތަށް ފައިންޕުޅު ބީއްސެވިއެވެ. އިސްވެދިޔަ ޞަފުޙާތަކުގައި ދަންނަވައިފައިވާ ފަދައިން އެފަހަރު ވަޑައިގެންނެވީ عــمــــــر بـــن أمــيّـــة الـضّـمـــــرى رضــى اللّـــه عـــنــــه އަށް އޮޅުމަކުން ޤަތުލުކުރެއްވުނު ކިލާބުވަންހައިގެ ދެމީހުންގެ މަރުގެދިޔައަށް ޗަންދާ އެއްކުރައްވާށެވެ. އެއީ މަދީނާގެ މީޘާޤުގައިވާގޮތުން އެބައިމީހުން ދޭންޖެހޭ އެއްޗަކަށްވާތީއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރު އެބައިމީހުންގެ ތެރެއަށް ވަޑައިގެންނެވުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްތަށިފުޅުމައްޗަށް އުޑިކިބައެއް ވައްޓައިލައި ޝަހީދުކޮށްލާން މަސައްކަތްކުރި ވާހަކަ އަޅުގަނޑުވަނީ ދަންނަވައިފައެވެ.

ربّ الـعــالمـــــــيـن ގެ ޙަޟުރަތުން جــبـــــريـــل الأمـيـــــن ވަޑައިގެން އެޚަބަރު ދެއްވުމުން މަދީނާއަށް އެނބުރިވަޑައިގެން ހަމައެވަގުތު محــمّــــد بـــن مسـلـمـة رضـــى اللّــــه عــنـــــه އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. ނަޟީރުވަންހައިގެ މީހުން އެހާރުންއެހާރުން މަދީނާއިން ފައިބައިގެންދާން ނޯޓިސް ދެއްވިއެވެ. އެބައިމީހުންނަށް އެންގެވިއެވެ. "ތިޔަބައިމީހުންނަކަށް އަހަރެމެންނާއެކު މަދީނާއަކު ނުތިބެވޭނެއެވެ." ނަޟީރުވަންހައިގެ މީހުން ދަތުރު ހަދައިގެން ރަށުން ފައިބާން ދިހަދުވަހުގެ މުހުލަތު ދެއްވިއެވެ. ދިހަދުވަސްފަހުން މަދީނާއިން ފެނިއްޖެ މީހަކު ޤަތުލުކުރައްވާނެކަންވެސް އެންގެވިއެވެ. އެ މުހުލަތު ދެއްވުމާ ވިދިގެން ނަޟީރުވަންހައިގެ މީހުން ދެތިންދުވަހަކު ދަތުރުހަދާން އުޅެލިއެވެ. އެނޫންގޮތެއް އެބައިމީހުންގެ ކުރިމައްޗަކު ނުވެސްނެތެވެ.

ނަޟީރުވަންހައިގެ މީހުން އެބައިމީހުން ބޭނުންގޮތަކަށް ދަތުރުހަދައިގެން ރަށުން ފައިބާން އުޅެއުޅެތިއްބައި ދެން ލިބޭންއޮތް ދެރަލިބިއްޖެއެވެ. މުނާފިޤުންގެ ރައީސް عـبــد اللّـــه بـــن أبــّــي އެބައިމީހުންނަށް ޚަބަރު ފޮނުވައިފިއެވެ. "ތިޔަބައިމީހުންގެ ގެދޮރުގައި ސާބިތުވެ ތިބޭށެވެ. ގޯތިގެދޮރާއި ވަޒަން ދޫކޮށްނުލާށެވެ. އަހަރެންގެ ގާތުގައި ހަނގުރާމަވެރި ދިހަހާސް ފިރިހެނުން އެބަތިއްބެވެ. އެމީހުން ތިޔަބައިމީހުނާ ބައިވެރިވެ ތިޔަބައިމީހުންނާއެކު ތިޔަބައިމީހުންގެ ކިއްލާތަކަށް ވަންނާނެއެވެ. ތިޔަބައިމީހުންގެ ދިފާޢުގައި ފުރާނައިން ޤުރްބާން ވާނެއެވެ. ތިޔަބައިމީހުން ރަށުން ނެރެލެވޭނަމަ އަހަރެމެންވެސް ތިޔަބައިމީހުނާއެކު ނުކުންނާނޫއެވެ. ތިޔަބައިމީހުންނާ ހަނގުރާމަ ކުރައްވައިފިކަމުގައިވާނަމަ އަހަރެމެން ތިޔަބައިމީހުނަށް ވާގިދޭނޫއެވެ. ޤުރައިޡަތުވަންހައިގެ މީހުންނާއި ޣަޠުފާނުވަންހައިގެ މީހުންނަކީ ތިޔަބައިމީހުންގެ ޙަލީފުންނެވެ. އެމީހުންވެސް ތިޔަބައިމީހުންނަށް މަދަދުވެރިވާނެއެވެ. މިވާހަކަތައްވަނީ އަންނަނިވި ދެ އާޔަތުގައި ބަޔާންކުރައްވައިފައެވެ.

"މުނާފިޤުވި މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ އަހްލުވެރީންކުރެ ކާފަރުވެގެންތިބި އެއުރެންގެ އަޚުންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނޫއެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސްމީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނޫއެވެ. އަދި ތިޔަބައިމީހުނާ ދެކޮޅަށް ހަނގުރާމަކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންނަށް ނަސުރުދޭހުށީމުއެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުވެރީންކަމަށް اللّــــه ހެކިވެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެއުރެން (އެބަހީ: ޔަހޫދީން) ރަށުން ނެރެލައިފިނަމަ، އެއުރެންނާއެކު އެ މުނާފިޤުންނެއް ނުނިކުންނާނެތެވެ. އަދި ހަމަކަށަވަރުން އެއުރެންނާ ދެކޮޅަށް ހަނގުރާމަވަނީނަމަ އެ މުނާފިޤުން އެއުރެންނަކަށް ނަސުރެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން އެއުރެންނަށް ނަސުރުދޭން ނުކުތަސް އެ މުނާފިޤުން ފުރަގަސްދީ ފިލަންދުވާނެކަން ކަށަވަރެވެ. ދެން އެއުރެންނަކަށް (އެއްވެސްފަރާތަކުން) ނަސުރެއް ނުލިބޭނެތެވެ." (الحــثـــــــر: 11، 12)

ޝައްކެއްނެތެވެ. ޢަސްކަރީގޮތުން ބަލާއިރު އެދަނޑިވަޅަކީ މުސްލިމުންނަށް ފަހިދުވަސްވަރެއް ނޫނެވެ. ވަރަށް ނާޒުކުވެސް ވަގުތެކެވެ. އެހެންކަމުން މުސްލިމުންގެ ތާރީޚުގެ އެ ނާޒުކު އަދި އުނދަގޫ ވަގުތުގައި ދުޝްމިނުންގެ ބަޔަކާ ހަނގުރާމަކުރުމަކީ މުސްލިމުންނަށް މާފައިދާހުރި އަދި މުނާސަބު ކަމަކަށް ނުވެވެސް ހިނގައިދާނެއެވެ. ނުރައްކައުތެރި ނަތީޖާއެއް ނުކުތުމުގެ ސަބަބަކަށްވެސް ފަހަރުގައިވުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެދުވަސްވަރުގެ ޙާލަތަށް ވިސްނާއިރު މުޅި ޢަރަބިކަރަ އޮތީ މުސްލިމުންނާ ދެކޮޅަށެވެ. މުސްލިމުންގެ ތަބްލީޣީ ދެ މުހިންމަތެއްގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ބޭކަލުން ނުހަނު ރަޙުމުކުޑަ ގޮތެއްގައި ޝަހީދުކޮށްލެވުނުތާ އޭރު މާގިނަދުވަހެއް ނުވެއެވެ. ނަޟީރުވަންހައިގެ ޔަހޫދީންނަކީ ނުހަނު ބާރުހުރި ބަޔެކެވެ. އެބައިމީހުން މުސްލިމުންގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓުވުމަކީ މާކަފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެވަގުތު އެބައިމީހުނާ ހަނގުރާމަ ފެށުމަކީ ނުރައްކަލުގެ އެކަށޭނަކަން އޮތްކަމެކެވެ.

ނަމަވެސް بــئـرمـعــــونـــة އާއި رجـيــع ގެ ހިތާމަވެރި ހާދިސާއަކީ (އަލްމިއްޔާއަކީ) އޭގެސަބަބުން މުސްލިމުންގެ ތާރީޚު އައުގޯޅިޔަކަށް އަނބުރައިލި ދެ ހާދިސާއެކެވެ. އެދެ ހާދިސާގެ ސަބަބުން މުސްލިމުންވަނީ ޤަތުލުކުރުމުގެ ރޭވުންތަކާއި ޢަހްދު އުވާލުމާމެދު ވަރަށްބޮޑަށް ޙައްސާސުވެފައެވެ. މުސްލިމުންތިބީ އެފަދަ ޖަރީމާތައް ހިންގާ މީހުންގެ ކިބައިން ބަދަލުހިފަން ވަރަށް ވަރުގަދަޔަށް ޢަޒުމު ކަނޑައަޅައިގެންނެވެ. ނަޟީރުވަންހައިގެ މީހުންވަނީ ތަކުރާރުކޮށް އެތައްފަހަރަކު ޢަހްދާ ޚިލާފުވެފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރާން އެތައްފަހަރަކު ރާވައި އެކަމަށް ޢަމަލީސިފަ ގެންނާން މަސައްކަތް ކޮށްފައެވެ. އެހެންކަމުން މުސްލިމުން ކަނޑައެޅީ ނުކުމެދާނެ ނަތީޖާއަކަށް ނުބަލައި ނަޟީރުވަންހައިގެ މީހުނާ ހަނގުރާމަ ކުރާށެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ނަޟީރުވަންހައިގެ ރައީސް حُــيَـيُّ بــن أخطب ގެ ޖަވާބު އައުމާއެކު މުސްލިމުން اللّــــه أكـبــــــر ގެ ނައުރާކުރަމުން ހަނގުރާމަޔަށްޓަކައި ތެދުވެގެންފޫއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގެ އިންތިޒާމުތައް ޙަވާލުކުރެއްވީ إبـــن أمّ مـكــتــــوم رضـــى اللّــــه عــنـــــه އާއެވެ. އިތުރު ސާހިބާގެ ދިދަކޮޅުދެއްވީ عــلــــى بـــن أبـــــى طـالـب رضـــى اللّــــه عــنـــــه އަށެވެ. (އައްރަޙީޤުލްމަޚްތޫމި، މައުލާނާ ސަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ)