ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށް ސްކޮޓްލޭންޑް ކެޕްޓަން، ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ބުނެފިއެވެ.
ޔޫރޯ 2024 ގެ ފުރަތަމަ މެޗުގައި މިރޭ ހޯސްޓް ޖަރުމަނާ ދެކޮޅަށް ސްކޮޓްލޭންޑް ނުކުންނާނީ ރާއްޖެ ގަޑިން 12:00 ގައެވެ. ޖަރުމަނުން އަމިއްލަ ފަސްގަނޑުގައި ޔޫރޯ ކާމިޔާބުކުރުމަށް މިރޭ މަސައްކަތް ފަށާއިރު، އެޓީމަށް އެންމެ މުހިއްމުވާނެ އެއް ކުޅުންތެރިޔަކީ ކްރޫސްއެވެ. އުމުރުން 34 އަހަރުގެ ކްރޫސް ޔޫރޯއަށްފަހު ފުޓުބޯޅަ ހުއްޓާލައި، ރިޓަޔާކުރާނެ ކަމަށް އޭނާ ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
ކްރޫސް މީގެ ކުރިންވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، މިހާރުގެ ހެޑް ކޯޗު، ޖޫލިއަން ނާގެލްސްމަންއާ ވާހަކަ ދެއްކުމަށްފަހު އަލުން އެނބުރި ގައުމީ ޓީމަށް ނުކުތީ މާޗު މަހުގައެވެ. އެއީ ސީދާ މިފަހަރުގެ ޔޫރޯއަށެވެ.
މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނަ ސްކޮޓްލޭންޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ރޮބަޓްސަން ޕްރީ މެޗު ޕްރެސްގައި ބުނީ މެޗުގައި ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅޭނެ ކަމަށާއި މެދުތެރެއިން އެ ކޮލިޓީ ޖަރުމަނުގައި އެބަހުރި ކަމަށެވެ. އަދި ހާއްސަކޮށް ކްރޫސްއަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"އެއްވެސް މީހަކަށް ސިއްރުވެފައި އޮންނާނެ ކަމެއް ނޫން އެއީ ޖަރުމަނުން މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅޭނެ. އެޓީމުގައި އެބަހުރި ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު. އޭނާއަށް ސަމާލުވާން ޖެހޭނެ. އެހެންވިޔަސް، އަހަރެމެންނަށް ލިބޭ ފުރުސަތުތަކުގައި ބޭނުން ހިފިދާނެ،" ރޮބަޓްސަން ބުންޏެވެ.
ރޮބަޓްސަން އިތުރަށް ބުނީ މެޗުގައި ޕްރެޝަރު ބޮޑުވާނީ ޖަރުމަނަށް ކަމަށެވެ. ސްކޮޓްލޭންޑަށް މީގެ ކުރިން ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވާތީ އެގައުމަށް ކުރާ އުންމީދު ކުޑަ ކަމަށާއި އެއީ އެއްވެސް "ރިގްރެޓް" އެއް ނެތި މެޗަށް ނުކުންނާނެ ސަބަބެއް ކަމަށްވެސް ރޮބަޓްސަން ބުންޏެވެ.
އޭނާ ބުނީ ސްކޮޓްލޭންޑަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނަސް، އެޓީމަށް މުބާރާތުގައި ކާމިޔާބީތަކެއް ހޯދިދާނެ ކަމަށާއި މިރޭގެ މެޗަށްވެސް އުންމީދު ކުރާ ކަމަށެވެ،
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024