ސްކޮޓްލޭންޑަކީ ދުނިޔޭގެ އެންމެ ޒަމާންވީ އެއް ފުޓުބޯޅަ ޓީމުގެ ގޮތުގައި ލިޔެވިފައިވާ ޓީމެވެ. 1872 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލޭންޑް ވާދަކުރި އެކުވެރިކަމުގެ މެޗަކީ އެންމެ ފުރަތަމަ ދުނިޔޭގައި ބައިނަލްއަގުވާމީ ގޮތުން ގައުމީ ދެ ޓީމެއް ކުޅުނު މެޗެވެ. މިފަހަރުގެ ޔޫރޯއަކީ ސްކޮޓްލޭންޑްގެ ތާރީހުގައި ހަތަރުވަނަ ޔޫރޯއެވެ. މީގެ ކުރިން 1992 ވަނަ އަހަރާއި ދެން ޖެހިގެން އައި 1996 ވަނަ އަހަރުގެ ޔޫރޯގައިވެސް ސްކޮޓްލޭންޑް ކުޅުނެވެ. އެގައުމުގެ ފުޓުބޯޅައިގެ ތަރިން، އިނގިރޭސި ފުޓުބޯޅައަށް ގެނެސްދިނެވެ. އެ ނަންތައް ތާރީހަށް ލިޔެވިފައިވާ އިރު، ކުޅުންތެރިއެއްގެ ގޮތުގައި ނުހޯދުނު ފުރުސަތު، މިއަދު ކޯޗެއްގެ ގޮތުގައި ސްޓީވް ކްލާކް ދަނީ ހޯދަމުންނެވެ.
ސްޓީވް ކްލާކަކީ އިނގިރޭސި ފުޓުބޯޅައަށް ފަރިތަ ސްކޮޓްލޭންޑަށް އުފަން ކޯޗެކެވެ. ކޯޗެއްގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ކްލާކުގެ ކެރިއަރު ކާމިޔާބުވެސް މެއެވެ. ޗެލްސީއާ އެކު އެފްއޭ ކަޕާއި ފުޓުބޯޅަ ލީގު ކަޕްގެ އިތުރުން ޔޫއެފާ ކަޕް ވިނާސް ކަޕް ކްލާކް ހޯދި އިރު، އޭނާއަކީ 1994 ވަނަ އަހަރު ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެ ފޯމުގައި ކުޅުނު ކްލާކް، ސްކޮޓްލޭންޑް ގައުމީ ޓީމަށް ހަ މެޗު ކުޅުނު ނަމަވެސް، އެއްވެސް ބޮޑު މުބާރާތުން ފުރުސަތު ލިބިފައެއް ނުވެއެވެ.
ސްކޮޓްލޭންޑަށް ޔޫރޯގެ އިތުރުން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް އަދި ނުވެއެވެ. އެހެން ނަމަވެސް، 24 އަހަރު ފަހުން ޔޫރޯ 2020 އަށް ކޮލިފައިވެ، އޭގެ ދެން ޖެހިގެން އަންނަ މިއަހަރުގެ ޔޫރޯއަށް ނުކުންނަން ފުރުސަތު ލިބުމަކީ އެޓީމުގެ ފުޓުބޯޅަ ތާރީހުގައި މުހިއްމު ކާމިޔާބީއެކެވެ. އެ ކާމިޔާބީގެ މޭސްތެރިއަކީ މިހާރުގެ ކޯޗު، ކްލާކެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ސްކޮޓްލޭންޑް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ކްލާކް ވަނީ އިނގިރޭސި ބޮޑެތި ކްލަބުތަކުގައި ތަޖުރިބާތަކެއް ހޯދައިފައެވެ. އެގޮތުން އޭނާވަނީ ޗެލްސީ އާއި ލިވަޕޫލްގެ އިތުރުން ވެސްޓްހަމްގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ވެސްޓްބްރޮމްގެ ކޯޗުގެ މަގާމުގައިވެސް ހަރަކާތްތެރިވެފައެވެ.
ޔޫރޯގައި ގައުމީ ޓީމުގެ ޖާޒީގައި ކުޅެލަން ފުރުސަތު ނުލިބުނު ނަމަވެސް، 2020 ވަނަ އަހަރު ޔޫރޯއަށް ޕްލޭ އޮފްއިން ސްކޮޓްލޭންޑް ކޮލިފައި ކޮށްދީ، މިފަހަރު ޔޫރޯގެ ސީދާ ޖާގަ ހޯދައިދީ ކޯޗު ކްލާކް ވަނީ ސަޕޯޓަރުންގެ ޖާގަ ހޯދައިފައެވެ. މިފަހަރުގެ ކޮލިފިކޭޝަން ގްރޫޕްގައި އެޓީމުން ވަނީ ސްޕެއިންގެ މައްޗަށް 2-0 އިންވެސް ކުރި ހޯދައިފައެވެ. އެފަދަ ވަގުތުތަކަކީ ކްލާކާއި ސަޕޯޓަރުންނާ ދެމެދު ގުޅުން އުފައްދައިދޭ މުހިއްމު ވަގުތުތަކެވެ.
"މިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުން އަހަންނަށް ގައުމީ ޓީމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ސްކޮޓްލޭންޑްގެ ފުޓުބޯޅަ ޓީމުގެ މި ދަތުރުގައި ސަޕޯޓަރުން ބައިވެރިކުރުވުން. ޓާޓަން އާމީންގެ ނަމުން މަގުބޫލު ސްކޮޓްލޭންޑްގެ ސަޕޯޓަރުން މިހާރު ތިބީ ޓީމުގެ ފަހަތުގައި،" ކްލާކް ޔޫރޯއާ ގުޅޭ ގޮތުން ބުންޏެވެ.
ކްލާކް ބުނީ ސްކޮޓްލޭންޑް ސަޕޯޓަރުންގެ ރޫހު ގުޅިފައިވާނީ އަބަދުވެސް ވާދަވެރި ކުޅުމަކާ ކަމަށެވެ. ހިތްވަރާ ކަމަށެވެ. ނަތީޖާއަށް ސަޕޯޓަރުން މާ ބޮޑަށް ޑިމާންޑް ނުކުރާ ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ގައުމަށްޓަކައި އެ ވާ ގުރުބާނީ ފެންނަން ޖެހޭނެ ކަމަށް ކްލާކް ބުންޏެވެ.
ކްލާކް ބުނީ އޭނާ އާއި ސަޕޯޓަރުންނާ ދެމެދު ހާއްސަ ގުޅުމެއް، ކޯޗެއްގެ ގޮތުގައި އުފެއްދިއްޖެ ކަމަށާއި ކުޅުންތެރިއްގެ ގޮތުގައި ބޮޑެތި މުބާރާތްތަކުގައި ކުޅެލަން ނުލިބުނު ނަމަވެސް، ސަޕޯޓަރުންގެ ހިތްހަމަ ޖެހުމަށް، އެ ސަޕޯޓަރުންގެ އުފަލަށް ގައުމީ ޓީމާއެކު ބޮޑެތި މުބާރާތްތަކަށް ނުކުތުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
ސްކޮޓްލޭންޑުން މިރޭ ޔޫރޯ ފަށާ މެޗުގައި ހޯސްޓް ޖަރުމަނާ ދެކޮޅަށް ނުކުންނަ އިރު، ޔަގީނުންވެސް ފެވަރިޓަކީ ޖަރުމަނެވެ. އެހެން ނަމަވެސް ކްލާކްގެ ވިސްނުމުގައި ސްކޮޓްލޭންޑުން އިދިކޮޅު ޓީމުގެ ކުޅުމަށް ބަރޯސާ ނުވާނެއެވެ، އިދިކޮޅުން ނުކުންނަނީ ކޮންމެ ޓީމެއް ނަމަވެސް، ސްކޮޓްލޭންޑުން ނުކުންނާނީ އަމިއްލަ ގޭމް ޕްލޭނެއްގައި ކަމަށް ކްލާކް ބުންޏެވެ. ކްލާކުގެ ދެވަނަ ޔޫރޯ ދަތުރު ފެށުމަށް މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނަ ގްރޫޕް އޭގެ މެޗު އޮންނާނީ ރާއްޖެ ގަޑިން 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024