ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނެގުމަށްފަހު ދިވެހިންގެ ތެރޭގައި ދެން އެންމެ ޝައުގުވެރިކަން ދެވޭ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތަކީ ޔޫރޯއެވެ. ޔޫރޯއަކީ ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ޔޫރަޕުގެ ސަރަހައްދީ މުބާރާތެވެ. ވޯލްޑްކަޕުގައި ދިވެހިންގެ ތެރެއިން އެންމެ ގިނަބަޔަކު ތާއީދުކުރަނީ ބްރެޒިލް އާއި އާޖެންޓީނާއަށެވެ. އެއީ ދެކުނު އެމެރިކާގެ ދެ ގައުމެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާއަށްވުރެ ދިވެހިންގެ ތެރޭގައި ޔޫރޯ މަޝްހޫރުވެ މަގްބޫލުވުމުގައި ދެ ސަބަބެއް އެބައޮތެވެ. އެއްސަބަބަކީ ދެކުނު އެމެރިކާގެ ލީގުތަކަށްވުރެ ޔޫރަޕުގެ ލީގުތައް މަޝްހޫރުވުމެވެ. އެއަށް ދިވެހިން ފަރިތަވުމެވެ.
އިނގިރޭސި ލީގާއި އިޓަލީގެ ލީގާއި ސްޕެނިޝް ލީގާއި ޖަރުމަން ލީގާއި ފަރަންސޭސި ލީގަށް ދިވެހިންގެ ލޯތައް އޭރުވެސް ވަރަށް ފަރިތައެވެ. ކޭބަލް ޓީވީ ނެތްކަމަށްވިޔަސްމެއެވެ. މިދެންނެވި ލީގުތަކުގައި ކުޅޭ ތަރިން ދިވެހިންގެ ވަރަށް ގިނަބަޔަކު ދިޔައީ ފޮލޯކުރަމުންނެވެ. އަނެއް ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ދިވެހިރާއްޖެއަށް ދާދިފަހަކާ ހަމައަށްވެސް އެންމެ ގިނައިން އަންނަމުންދިޔައީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ޚާއްސަކޮށް ޖަރުމަނާއި އިޓަލީންނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހީންގެ ތެރޭގައި މިދެންނެވި ގައުމުތަކުގެ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރުން ވަރަށް ބޮޑެވެ.
ދިވެހިންގެ ތެރޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ބެލުމަށް އުފެދި އިތުރުވަމުންދިޔަ ޝައުގުވެރިކަމެއްގެ ސަބަބުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޓީވީން ލައިވްކުރެވުނީ މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ މެޗުތަކެވެ. އާޖެންޓީނާގެ މަރަޑޯނާއާއި ބްރެޒިލްގެ ސޮކްރޭޓްސް އާއި ޒިކޯ އަދި ފްރާންސްގެ ޕްލެޓީނީ އާއި ޓިގާނާޔާއި ޖަރުމަނީގެ ރުމެނިގާމެންގެ ކުޅުން ދިވެހީންނަށް އެންމެ ފުރަތަމަ ފެނުނީ މިދެންނެވި ވޯލްޑްކަޕުގައެވެ. އޭރު މެޗުތައް ދެއްކިއަސް ޓީވީގައި ޕްރީޝޯތައް ހަދައިގެން ފޯރިނެގުމެއް ނޯވެއެވެ. ވޯލްޑްކަޕަށް ލިބުނު ތަރުހީބެއްގެ ބޮޑުކަމުން އޭގެ ދެ އަހަރު ފަހުން ހުޅަނގު ޖަރުމަނީގައި ބޭއްވުނު ޔޫރޯގެ ބައެއް މެޗުތައްވެސް ރާއްޖޭގައި ދެއްކިއެވެ. ޓީވީ މޯލްޑިވްސްއިންނެވެ.
އޭރު ރާއްޖޭގައި ދެވަނަ އެހެން ޓީވީ ސްޓޭޝަނެއް ނުވެސްހުރެއެވެ. މިދެންނެވި 1988 ގެ ޔޫރޯއަކީ ދިވެހިން ވަގުތުން ބެލި ފުރަތަމަ ޔޫރޯއެވެ. މުބާރާތުގެ ހުރިހާ މެޗެއް ނުދެއްކިއަސް ސެމީފައިނަލާއި ފައިނަލް މެޗު ދެއްކިއެވެ. ފައިނަލުގައި ވާދަކުރީ ހޮލެންޑާއި ސޯވިއެޓް ޔޫނިއަންއެވެ. މޮޅުވީ ހޮލެންޑެވެ. ހޮލެންޑުގެ ލެޖެންޑުން ކަމަށްވާ މާކޯ ވެންބާސްޓެން އާއި ރޫޑް ގުލިޓް އަދި ފްރޭންކް ރައިކާޑުގެ މޮޅު ކުޅުން ދިވެހިންނަށް އެންމެ ފުރަތަމަ ފެނުނީ އެފަހަރުއެވެ. އޭގެފަހުން ދެން އައީ 1992 ގެ ޔޫރޯއެވެ. މުބާރާތް ބޭއްވީ ސުވިޑަންގައެވެ. އެ ޔޫރޯވެސް ދިވެހިން ބެލީ އޭގެ ހަތަރު އަހަރު ކުރީގެ ޔޫރޯ ބެލިގޮތަށެވެ. ޕްރީޝޯތަކެއް، މައުލޫމާތު ދިނުމެއް ނެތެވެ. އޭރު ޔޫރޯގައި ވާދަކުރަނީވެސް އެންމެ 8 ޓީމެވެ.
މިދެންނެވި ޔޫރޯއަކީ 8 ޓީމުގެ އެންމެ ފަހު ޔޫރޯއެވެ. ޔޫގޯސްލާވިޔާގެ ދާޚިލީ މައްސަލަތަކާ ގުޅިގެން އެ ގައުމު ޑިސްކޮލިފައި ކުރުމަށްފަހު އަދަދު ހަމަކުރާން ގެނައި ޑެންމާކު ފައިނަލްގައި ކުޅެ ވަރުގަދަ ޖަރުމަނީ ދޭއް ސުމަކުން ބަލިކުރި މަންޒަރު ދިވެހީންވެސް ޓީވީ މެދުވެރިކޮށް ވަގުތުން ބަލާފައިވެއެވެ. ޑެންމާކުގެ ކީޕަރު ޕީޓަރ ޝުމައިކަލް އާއި ބްރަޔަން ލައުޑްރަޕްގެ މޮޅު ކުޅުން ފެނިފައި ދިވެހިންވެސް ތިބީ ހައިރާންވެފައެވެ. ދިވެހިން މިހާރު ޔޫރޯ ބަލާގޮތަށް ޕްރީޝޯތައް ހަދައިގެން މައުލޫމާތު ދިނުމާއެކު އައު ފެންވަރެއްގައި ޔޫރޯ ބަލަންފެށީ 1996 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ޔޫރޯއާ ހަމައިންނެވެ. އެފަހަރުގެ ޔޫރޯއަކީ ޓީމުތަކުގެ އަދަދު ޑަބަލްކޮށް ސޯޅަ ޓީމު ވާދަކުރި ފުރަތަމަ ޔޫރޯއެވެ.
މި ޔޫރޯގެ ފައިނަލްގައި ޗެކް ރިޕަބްލިކާއި ޖަރުމަނީ ވާދަކޮށް ދޭއް އެކަކުން މޮޅުވީ ޖަރުމަނީއެވެ. ފުރަތަމަ ފަހަރަށް ދިވެހީންނަށްވެސް ގޯލްޑަން ގޯލެއް ފެނުނީ އެފަހަރުގެ ފައިނަލްގައެވެ. މި ގޯލް ޖެހީ ޖަރުމަނީގެ އޮލިވަރ ބިއެހޯފެވެ. ކުރިން ދިވެހިން ނުދަންނަ އައު ޖާދޫގަރަކުވެސް ފެނުނެވެ. އެއީ ޗެކްރިޕަބްލިކްގެ މިޑްފީލްޑަރު ކަރެލް ޕޮބޯސްކީއެވެ. ކޮންމެއަކަސް އެ ޔޫރޯއަށްފަހު މިއަދާ ހަމައަށްވެސް ދިވެހިން އަންނަނީ ހުރިހާ މެޗެއް ފޯރީގައި ބަލަމުންނެވެ. ވޯލްޑްކަޕަށްފަހު ދެން އެންމެ ބޮޑު ފޯރީއަކާއި ޖޯޝުގައެވެ. ޔޫރޯއަށްޓަކައި ޔޫރޯގެ މައުލޫމާތު ހިމެނޭ ގައިޑެއް ދިވެހިބަހުން އެންމެ ފުރަތަމަ ނެރުނީވެސް ޔޫރޯ 1996 ގައެވެ. އެހެންވީމާ ދިވެހިންގެ ޒަމާނީ ޔޫރޯ ފޯރިނެގުމަށް މިހާރު މިވީ 28 އަހަރެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024