މާދަމާ ރޭ ޖަރުމަނުގައި ފަށާ ޔޫރޯ 2024ގައި ވީއޭއާރްގެ އެހީގައި ރެފްރީ ނިންމާ ނިންމުންތައް ދަނޑުގައި ތިބޭ ސަޕޯޓަރުންނަށް ތަފްސީލުކޮށްދޭނެ ކަމަށް ޔޫއެފާއިން ބުނެފިއެވެ.
ޔޫއެފާއިން ބުނީ ޔޫރޯގައި މެޗުތައް ކުޅޭ ދަނޑުތަކުގައި ބެހެއްޓިފައިވާ ބޮޑު ސްކްރީންތަކުން ސަޕޯޓަރުންނަށް ވީއޭއާރް ނިންމުންތައް ރެފްރީން ކިޔައިދޭނެ ކަމަށެވެ. އެކަން އެގޮތަށް ކުރަން ނިންމާފައިވަނީ ސަޕޯޓަރުންނަށް ރެފްރީންގެ ނިންމުންތައް ބޮޑަށް ސާފުކޮށްދީ، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ.
އެލިއާންޒް އެރީނާގައި މިއަދު ބޭއްވި ހާއްސަ ބްރީފިންނެއްގައި ޔޫއެފާގެ މެނޭޖިން ޑިރެކްޓާ އޮފް ރެފްރީސް، ރޮބާޓޯ ރޮސެޓީ ބުނީ ރެފްރީ ވީއޭއާރް އެހީގައި ނިންމާ ނިންމުންތަކުގެ ކުޑަ ތަފްސީލެއް ދަނޑުގައި ތިބޭ ސަޕޯޓަރުންނަށް ސްކްރީން މެދުވެރިކޮށް ދާނެ ކަމަށެވެ. މިސާލަކަށް އަތުގައި ޖެހޭ ބޯޅަތަކަށް ޕެނަލްޓީ ދޭ ހާލަތުގައި ސްކްރީނުން އެ ޕެނަލްޓީ ދިނީ ކިހިނެއް އަތުގައި ޖެހިގެންކަން އެނގޭނެ ކަމަށެވެ. އެގޮތުން ގަސްދުގައި އަތުން ޖެއްސި ކަމަށް ރެފްރީ ބެލިނަމަ، އެކަންވެސް ސްކްރީނުގެ ޑިސްޕްލޭން ސާފުވާނެ ކަމަށް ރޮސެޓީ ބުންޏެވެ.
އޭގެ އިތުރުން ރޮސެޓީ ބުނީ ދަނޑުމަތީގައި ވީއޭއާރް ނިންމުންތައް ރެފްރީން، ޓީމުތަކުގެ ކެޕްޓަނުންނަށް އިތުރަށް ތަފްސީލު ކޮށްދޭނެ ކަމަށެވެ. އެހެންނަމަވެސް، އިތުރު ކުޅުންތެރިން ރެފްރީއަށް ޝަކުވާ ކުރުން ހުއްޓުވަން ޔޫއެފާއިން ވަނީ ޓީމުތަކުގެ ކެޕްޓަނުންނާ ބައްދަލުކޮށް، އެކަމަށް ހާއްސަކޮށް އިރުޝާދު ދީފައެވެ.
ރޮސެޓީ މިއަދުގެ ބްރީފިންގައި އިތުރަށް ބުނީ މެޗު ތެރޭގައި ހިނގާ ވީއޭއާރްގެ ނިންމުންތަކުގެ ގްރެފިކްސް ވިއުގެ ރިޕްލައިވެސް ސްކްރީނުން ސަޕޯޓަރުންނަށް ދައްކާނެ ކަމަށެވެ. އެއީ ތްރީޑީ އޮފްސައިޑް ސިސްޓަމްވެސް ބޭނުންކުރާތީ ކަމަށްވެސް ރޮސެޓީ ބުންޏެވެ.
އެންމެފަހުން ވޯލްޑް ކަޕްގައި ބޭނުންކުރި އޮފްސައިޑް ސިސްޓަމާއި ބޯޅައިގެ ޗިޕް ސިސްޓަމް ޓެކްނޮލޮޖީ މިފަހަރު ޔޫރޯގައިވެސް ރެފްރީން ބޭނުންކުރާނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024