ވޯލްޑް ކަޕަށްފަހު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އީދަކީ ޔޫރޯ މުބާރާތެވެ. ޔޫރޯއަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ، އެންމެ ޝަރަފުވެރި، އެންމެ ވާދަވެރިވެސް މުބާރާތެވެ. ޔޫރޯގެ ކާމިޔާބީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތާރީހަށް އެންމެ ބޮޑު މުބާރާތްވެސް މެއެވެ. ދިވެހީންނާއި މުޅި ދުނިޔެއިންވެސް ޔޫރޯގެ ފުރަތަމަ މެޗަށް އިންތިޒާކުރަމުންދާ ދިޔުމަށް މިރޭ ނިމުން އަންނާނެއެވެ.
ޔޫރޯގެ ފުރަތަމަ މެޗުތަކުން ހައިރާން ކަމާއި، ގަބޫލުކުރަން ދަތި ކަންތައްތަކެއްވެސް ހިނގާފައި އެބަހުއްޓެވެ. ތާރީހުގެ ތެރެއިން އެ މެޗުތައް ހާއްސަވެސް ވެއެވެ. ކޮންމެ ޔޫރޯއެއްގައިވެސް ފުރަތަމަ ގޯލު ޖަހާ ކުޅުންތެރިޔާވެސް ހާއްސަވާ އިރު، އެ ޝަރަފަށްވެސް މަސައްކަތް ކޮށްފައިވެއެވެ. އެ ކުޅުންތެރިންގެ ނަން ހާއްސަވެސް ވާނެއެވެ.
އެ ހުރިހާ ފެށުމުގެ ތެރެއިންވެސް އެންމެ ހާއްސަވީ 1968 ގެ ޔޫރޯގެ ފެށުމެވެ. ޖުމުލަ ހަތަރު ގައުމަކުން ވާދަކުރި އެ ޔޫރޯގައި ހޯސްޓް އިޓަލީގެ އިތުރުން ދެން ވާދަކުރީ ޔޫގޯސްލާވިއާއާއި އިންގްލެންޑް އަދި ސޯވިއެޓް ޔޫނިއަންއެވެ. އެފަހަރު ޔޫރޯގެ ފުރަތަމަ މެޗު، ނޭޕަލްސްގައި ކުޅެފައިވާ އިރު، އެއީވެސް ސެމީ ފައިނަލް މެޗެކެވެ. ހަތަރު ޓީމު ވާދަކުރި ޔޫރޯ ސެމީ ފައިނަލާ ހަމައިން ފަށާފައިވާ އިރު، އިޓަލީއާއި ސޯވިއެޓް ޔޫނިއަންގެ ފުރަތަމަ ސެމީ ދިޔައީ ގޯލެއް ނުފެނިއެވެ.
މޫސުން ގޯސްކޮށް އޮތް އެ ސެމީ ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ މަދު ހަމަލާތަކެކެވެ. ދެޓީމުންވެސް ޑިފެންސިވް ވަރުގަދަ ފޯމޭޝަނެއްގައި ކުޅެމުން ގޮސްފައިވާ އިރު، މެޗު ފެނިގެން ދިޔައީވެސް ގިނަ އަނިޔާތަކެއް ކުޅުންތެރިންނަށްވި ފިޒިކަލް މެޗެއްގެ ގޮތުގައެވެ. މެޗު ފުރިހަމަ ވަގުތު ހަމަވި އިރުވެސް ގޯލެއް ނުޖެހި 0-0 ގައި ނަތީޖާ އޮތް އިރު، އެ މެޗު އިތުރު ވަގުތު ނިމިނި އޮއްވައި އިޓަލީން ގޯލެއް ޖެހުމާ ގާތް ކުރިއެވެ. އެހެން ނަމަވެސް ސަންޑްރޯ މަޒޯލާގެ މަސައްކަތް ވީ ނާކާމިޔާބެވެ.
އޭރުގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، މެޗުގެ އިތުރު ވަގުތަށް ގޮސް ނަތީޖާ ނުނެރެވިއްޖެނަމަ، ދެން އޮންނަ ގޮތަކީ ގުރުއަތު ލުމެވެ. އެ ގުރުއަތުލުމުގެ ތަޖުރިބާ އިޓަލީގެ ޑިފެންޑަރު، ކެޕްޓަން ޖިއަންސިންޓޯ ފަޗެޓީ ވަނީ ހިއްސާކޮށްފައެވެ.
"މެޗު ކުޅެގެން ނަތީޖާއެއް ނުނެރެވިގެން ޑްރެސިން ރޫމަށް ވަންނަން ދިޔައީ ރަޝިއާ ކެޕްޓަނާއެކު. ދެން އަހަރެމެންނާއެކު ދިޔަ ދެ އޮފިޝަލަކުވެސް. އެ ހިސާބުން ރެފްރީ އައިސް، ޑްރެސިން ރޫމަށް ވަންނަން ދާ ޓަނަލް ކުރިމަތީގައި ޓޮސް ކުރާ ކޮއިން ނަގާފައި ބުނި ފަޅިއެއް ނަގާށޭ. އަހަރެން ނެގީ ޓެއިލްސް. އޭރު މުޅި ސްޓޭޑިއަމްގައި އޮތީ އިޓަލީ ސަޕޯޓަރުން ފުރިފައި. 70،000 އިޓަލީ ސަޕޯޓަރުން އިންތިޒާކުރީ ގުރުގެ ނަތީޖާއަށް. ގުރު ނެގުމާއެކު އަހަރެން އުފާފާޅުކުރަން ފެށުމުން ސަޕޯޓަރުންނަށް އެނގިއްޖެ އަހަރެމެން ފައިނަލަށް ދިޔައީކަން،" ފަޗެޓީ ބުންޏެވެ.
ކޮންމެއަކަސް އެއީ ތަފާތު ފެށުމެކެވެ. ޔޫރޯގެ ތާރީހުގައި އެގޮތަށް ފުރަތަމަ މެޗުގެ ނަތީޖާ ކަނޑައެޅީވެސް އެންމެ ފަހަރަކުއެވެ. އެއީ އެ ފަހަރުއެވެ. އަނެއްކާވެސް މިއޮތީ އާ ޔޫރޯއަކަށް މުޅި ދުނިޔެ ތައްޔާރުވެފައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024