ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ދެވޭ "ހެންރީ ޑިލޯނޭ ތަށި" ގެ ނަން ނިސްބަތް ވަނީ ޔޫރަޕުގެ ބައިނަލްއަޤްވާމީ ފުޓުބޯޅަ ޖަމްޢިއްޔާ ޔުއެފާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް ހެންރީ ޑިލޯނޭގެ ނަމަށެވެ. އޭނާއަކީ ފަރަންސޭސި ވިލާތުގެ ފުޓުބޯޅަ ޝަޚްސިއްޔަތެކެވެ. ޔޫރަޕުގެ ޤައުމުތަކުގެ ޤައުމީ ޓީމުތައް ވާދަ ކުރާ ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ ޚިޔާލު އެންމެ ފުރަތަމަ ފައުޅު ކުރި މީހަކީ އޭނާއެވެ. އެއީ 1927 ވަނަ އަހަރުއެވެ. 1954 ވަނަ އަހަރުގެ ޖޫން މަހު ޔުއެފާ ވުޖޫދަށް ގެނެވުނު އިރު، ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އޭނާ ޢައްޔަން ކުރެވުމުން، އޭނާގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ހެދީ ޔޫރަޕުގެ ފުޓުބޯޅަ މުބާރާތުގެ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމުގެ ކަންތަކެވެ. ނަމަވެސް އެ މަސައްކަތް ފުރިހަމަ ކުރާކަށް އޭނާއަކަށް ވަގުތެއް ނުލިބުނެވެ. 1955 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އޭނާ ކުއްލި ގޮތަކަށް ނިޔާ ވީއެވެ.

"ޔޫރަޕިއަން ނޭޝަންސް ކަޕް" ގެ ނަމުގައި 1960 ވަނަ އަހަރު ޔޫރޯ މުބާރާތް ތަޢާރަފު ކުރެވުނު އިރު، މުބާރާތުގެ ތަށި ތަޢާރަފު ކުރެވުނީ "ހެންރީ ޑިލޯނޭ ތަށީ" ގެ ނަމުގައެވެ. ތަށީގެ ނަން ޑިލޯނޭއަށް ނިސްބަތް ކުރުމުގެ ހުށައެޅުން ހުށައެޅީ 1958 ވަނަ އަހަރު ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމުގައި އޮތް ޔުއެފާ ކޮންގްރެސްގައި، ޔުއެފާގެ ފުރަތަމަ ރައީސް އެބް ޝްވޯރޓްޒެވެ. އެޔާއެކު، ތަށި ތައްޔާރު ކުރުމުގެ ޚަރަދާއި މަސައްކަތުގައި ހިފާނެކަން ފަރަންސޭސި ފުޓުބޯޅަ އިދާރާއިން އިޢުލާން ކުރިއެވެ.

ހަމަޖެހުނު އިންތިޒާމުތަކުގެ ތެރެއިން، ތަށި ތައްޔާރު ކުރުމުގެ މަސައްކަތް ޙަވާލު ކުރެވުނީ ހެންރީ ޑިލޯނޭގެ ދަރިފުޅު ޕިއެރޭ ޑިލޯނޭއާއެވެ. އެއިރު އޭނާ ހުރީ، އޭނާގެ ބައްޕަ ކުރީން ހުރި، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ޕިއެރޭ ޑިލޯނޭ ބުނެފައި ވާ ގޮތުގައި، އޭނާގެ ބައްޕަގެ ނަމަށް ނިސްބަތް ކުރެވުނު ޔޫރޯ ތަށި ފަރުމާ ކުރުމުގައި، އަސާސީ މަފްހޫމު ނެގީ ގްރީކުގެ ޙަޟާރަތުގެ ތާރީޚުންނެވެ. ގްރީކުގެ ވެރިރަށް އެތެންސްގެ ނެޝަނަލް އާރކިއޮލޮޖިކަލް މިޔުޒިޔަމުގައި ހުރި ތިމްސާލެއް ނުވަތަ ސޫރައަކުންނެވެ. އެ ސޫރަ ތަށީގެ އެއް ފަޅީގައި ކަނޑައިނަގައިފައި ހުންނަ ގޮތަށް ތަށީގެ ފަރުމާގެ މަފްހޫމު ފުރިހަމަ ކުރުމަށް ފަހު، ފަރުމާއާ އެއްގޮތަށް ތަށި ހެދުމުގެ މަސައްކަތް ޙަވާލު ކުރެވުނީ ޕެރިހަށް ނިސްބަތް ވާ، ރިހީގެ މަސައްކަތް ކުރާ ކުންފުނި ޝޮބިލޯންއާއެވެ. ޝޮބިލޯނުން ހެދި ތަށި، ޔޫރޯ 2004 ވަނަ އަހަރާ ހަމަޔަށް ބޭނުން ކުރެވުނެވެ.

2008 އިން ފެށިގެން، ބޭނުން ކުރެވެމުން އަންނަނީ ކުދިކުދި ބައެއް ބަދަލުތަކާ އެކު، އަލުން ފަރުމާ ކޮށްގެން، ލަންޑަނުގެ ރަންރިއްސާއި ޖަވާހިރުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާ އެސްޕްރޭއިން ހަދައިފައި ވާ ތަށްޓެކެވެ.

ހެންރީ ޑިލޯނޭ ތަށި އެންމެ ފުރަތަމަ ހެދީ ވެސް، އަދި މިހާރު ބޭނުން ކުރާ ތަށި ހަދައިފައި ވަނީ ވެސް ޚާލިސް ރިހީންނެވެ. އެންމެ ފުރަތަމަ ތަށި ހެދި އިރު، އޭގެ ދިގުމިން ނުވަތަ އުސްމިނަކީ 43 ސެންޓިމީޓަރެވެ. 2008 ގައި އަލުން ފަރުމާ ކުރެވުނު ތަށީގެ އުސްމިނަކީ 60 ސެންޓިމީޓަރެވެ. ފަހުގެ ތަށީގެ ބަރުދަނަކީ އަށް ކިލޯގުރާމެވެ. އެއީ ކުރީގެ ތަށްޓަށް ވުރެ ދެ ކިލޯގުރާމް ބަރެވެ.

ހެންރީ ޑިލޯނޭ ތަށި ކައިރީން ބަލައިލާން ބޭނުން ފޭނުންނަށް އެ ފުރުޞަތު ދިނުމަށް ޓަކައި، ޔޫރޯ 2024 ފެށުމާ ދިމާކޮށް ޖަރުމަނުގެ ބޮޑެތި ޝަހަރުތަކުގައި ތަށި ދައްކައިލުމުގެ ހަފުލާތަކެއް ބޭއްވިއެވެ. އެގޮތުން، މާރިޗު މަހުގެ 22 ވަނަ ދުވަހާއި މެއި މަހުގެ 14 ވަނަ ދުވަހާ ދެމެދު، ސްޓުޓްގަރޓް، ފްރޭންކްފަރޓް، ކޮލޯން، ޑުސެލްޑޯރފް، ޑޯރޓްމުންޑް، ގެލްސެންކާރޝެން، ބާރލިން، ލެއިޕްޒިގް، ހެމްބަރގް، އަދި މިޔުނިކުގައި ޢާއްމު ޙަފުލާތަކުގައި ތަށި ދައްކައިލިއެވެ.