ރާއްޖޭގެ ގައުމީ އަންހެނުންގެ 800 މީޓަރު ދުވުމުގެ ރެކޯޑް، ކުރިއަރަމުން އަންނަ އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު އާކޮށްފިއެވެ.

ފަސޫހާ ރެކޯޑު އާކުރީ އިއްޔެ އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގެ އިވެންޓުގައި ދުވެގެންނެވެ. އިއްޔެ ފަސޫހާ ރޭސް ނިންމީ، ދެ މިނެޓު، 14.53 ސިކުންތުންނެވެ. މިދިޔަ ދެ އަހަރު ދުވަހެއްގެ ތެރޭގައި ފަސޫހާ ވަނީ ހަތަރު ވަރަކަށް ފަހަރު ގައުމީ 800 މީޓަރު ރެކޯޑް އާކޮށްފައެވެ. މިފަހަރު ފަސޫހާ އާކުރީ އޭނާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާކުރި ރެކޯޑެވެ. އެފަހަރު ގައުމީ ގްރޯން ޕްރީ ފަސޫހާ ރޭސް ނިންމީ ދެ މިނެޓު، 19.73 ސިކުންތުންނެވެ.

ފަސޫހާއަކީ މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް ހުރި އަންހެން އެތުލީޓެވެ. އޭނާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ގްރޯން ޕްރީ އާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދައިފައެވެ.

ފަސޫހާ ދެން ތައްޔާރުވާނީ މިމަހު 27-30 އަށް އިންޑިއާގައި ބާއްވާ 63 ވަނަ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ.