މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 80 ވަރަކަށް މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ މިއަދުގެ ނިޔަލަށް މަސްވެރިނަށް ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ސައީދު މިިއަދު "ވަން" އަށް މިއަދު ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަން ފަށާފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް 46 މިލިއަން ޖަމާކުރާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ބެކްލޮގުވެސް ވީހާވެސް އަވަހަކަށް ކްލިއާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ސަރުކާރު އައި އިރު، މަސްވެރިންނަށް ނުދީ، 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް ވަނީ މަސްވެރިންނަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އަދި ދައުރުގެ ކުރީކޮޅުގައި އެކަންވެސް ހާސިލްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.