ޖަރުމަނުގައި މާދަމާ ރޭ ފަށާ ޔޫރޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓުބޯޅަ ލެޖެންޑް، ފްރާންޒް ބެކެންބާއޫއަށް ހާއްސަ ޝަރަފެއް އަރުވަން ނިންމައިފިއެވެ.

ބެކެންބާއޫއަކީ "ޑާ ކައިސާ" ގެ ނަމުން މަގުބޫލު، ޔޫރަޕްގެ ތާރީހު ދުށް އެންމެ މޮޅު އެއް ޑިފެންޑަރެވެ. ބެކެންބާއޫ ވަނީ 1974 ވަނަ އަހަރު ވެސްޓް ޖަރުމަނާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭރު އެއީ ޓީމުގެ ކެޕްޓަނެވެ. އޭގެ ފަހުން 1990 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ބެކެންބާއޫ ވަނީ ވެސްޓް ޖަރުމަނަށް ވޯލްޑް ކަޕް ތަށި ހޯދައިދީފައެވެ. އުމުރުން 78 އަހަރު ބެކެންބާއޫ މަރުވެފައި ވަނީ މިއަހަރު ޖެނުއަރީ މަހުގައެވެ.

ޖަރުމަނާއި ސްކޮޓްލޭންޑް ވާދަކުރާ މެޗުން ޔޫރޯ ފަށަން ތައްޔާރުވެފައިވާ އިރު، އެ މެޗުގެ ކުރިން ޔޫރޯގެ ތަށި ހެންރީ ޑިލައުނޭ ކަޕް ދަނޑަށް އެރުވުމަށް ނިންމާފައި ވަނީ ޖަރުމަނާއެކު ޔޫރޯ ހޯދި ކެޕްޓަނުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ބާނާޑް ޑިއެޓްޒް (1980) އަދި ޔާގަން ކްލިންސްމަން (1996)ގެ އިތުރުން ބެކެންބާއޫގެ އަންހެނުން ހެއިޑީއެވެ.

ހެއިޑީއަށް އެ ޝަރަފު ދީފައި ވަނީ ބެކެންބާއޫއަށް ކުރާ އިހުތިރާމެއްގެ ގޮތުންނެވެ.

ބެކެންބާއޫ ވަނީ ބަޔާން މިއުނިކަށް 582 މެޗު ކުޅެ، ޖަރުމަނުގެ ތަށި ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައިވެސް ހޯދައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޔޫރަޕްގެ ތަށި ހޯދައި، ދެ ފަހަރަށް ބެލޮންޑިއޯވެސް ކާމިޔާބު ކޮށްފައެވެ.

ބެކެންބާއޫ ކުރިން މިޑްފީލްޑަރަކަށްވެސް ކުޅެފައިވާ އިރު، 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އޭނާ ވަނީ އިންގްލެންޑްގެ ސާ ބޮބީ ޗާލްޓަން މޭން މާކު ކޮށް ކުޅެފައެވެ. އެ މެޗުން މޮޅުވީ އިންގްލެންޑެވެ. އެ ވޯލްޑް ކަޕްގައި ބެކެންބާއޫގެ އުމުރަކީ 20 އަހަރެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީވެސް ބެކެންބާއޫއެވެ.

ވެސްޓް ޖަރުމަނަށް ބެކެންބާއޫ ވަނީ 103 މެޗު ކުޅެފައެވެ.