ގައުމީސަލާމަތަށް ނުރައްކާވާ ކަންތައްތަކާމެދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވަމުން، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އަދި އެކަމާ ގުޅިގެން ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް މިސަރުކާރުން ބުނެފައިވާ ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާރު ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ބުނި ކަންތައްތައް ކިހާވަރަކަށް ކުރެވިފައިވޭތޯ ބަލަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކުގެ ތެރެއިން ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައިގައި ކަންތައް ކުރަމުންދާ ގޮތާއި ކޮންޓްރޯލެއް ނެތި ހިނގަމުންދާ ޑްރަގް ވިޔަފާރީގެ ކަންތައްތަކުގައި އަޅަމުންދާ ފިޔަވަޅުތަކާއި ވައްކަމުގެ މައްސަލަތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މީހުން ނޫޅޭ ތަންތަނަށް ވަދެ ޑްރަގް ބޭނުންކޮށް، އޯވަޑޯޒްވެގެން ބައެއް މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައިވާ އިރު، ވައްކަން ކޮށްގެން ގެންދާ ތަކެތި ގަނެވިއްކުމުގެ މާކެޓެއް އުފެދިފައިވާ ކަމަށެވެ.

އެހެންކަމުން މާލޭގައި ބައެއް ވިޔަފާރިތައް ކުރުމުގެ ހުއްދަ ނުދޭން މާލޭ ސިޓީ ކައުންސިލަށް ލާޒިމް ކުރަންޖެހޭ ކަމަށެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް ކޮމިޓީގެ ގިނަ މެންބަރުންތަކެއް ތާއީދުކޮށް، މިނިސްޓަރު އިހްސާން ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީން ފާސްކުރިއެވެ.