މީގެ ކުރިން ތިން ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިންއަކީ މި ފަހަރުވެސް ފެވަރިޓެކެވެ. އެ ޓީމުގައި މި ވަގުތުވެސް ޔޫރަޕުގެ ވިދުންގަދަ ތަރިން އެބަ ތިއްބެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔޫރަޕުގައި ތިބި އެންމެ ކުޅަދާނަ ޒުވާން ކުޅުންތެރިން ސްޕެއިނުން ފެންނަ ކަމެވެ. ސްޕެއިން އަކީ މި ވަގުތު ތަފާތު ފިލޯސަފީއެއްގެ ޓީމެކެވެ. އެ ފިލޯސަފީ އަކީ ޓީމު ރޫހުގެ މައްޗަށް ބިނާވެފައިވާ ފިލޯސަފީ އެކެވެ. "ސްޕެއިނަކީ އެއް އާއީލާ" އެއްފަދަ ގުޅުންތެރިކަން ވަރުގަދަ ޓީމެއް ކަމަށް ޓީމުގެ ތަރި ޕެޑްރީ ގޮންޒާލޭސްވެސް ގަބޫލުކުރެއެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ އެކަޑެމީ ލަ މަސިއާ އިން ވިދާލި ޕެޑްރީ، އޭނާގެ ބައިނަލްއަގުވާމީ ތިންވަނަ މުބާރާތަށް ތައްޔާރުވަމުން ދަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޕެޑްރީއަށް އޭރު އެންމެ 18 އަހަރާއި ހަ މަހެވެ. އޭނާއަކީ ސްޕެއިން ގައުމީ ޖާޒީގައި ޔޫރޯ މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

އެ ރެކޯޑުވެސް މި ފަހަރު މުގުރިގެންދާނެ ކަމަށް ބެލެވޭއިރު، ކޯޗު ޑެ ލަ ފުއެންޓޭގެ ފަރާތުން ޓީމަށް އައި ބަދަލަކީ އެކުވެރިކަމާއި ބަދަހިކަން އަދި ޓީމު ރޫހު ކަމަށް ޕެޑްރީ ބުނެއެވެ.

"އަހަރެމެން ވަރަށް ބޮޑަށް ދައްކަމުން އަންނަ ވާހަކައެއް މިއީ، ސްޕެއިންގެ އެންމެ ބޮޑު ހަތިޔާރަކީ ބަދަހިކަން. މި ޓީމަކީ އެއް އާއިލާ އެއް. މި ޓީމުގެ ފަރާތުން ފެނޭ އެ ގުޅުން. އާއިލީ ގުޅުން. އެންމެ މުހިންމު ކަމަކީ ރަނގަޅަށް ޔޫރޯ ފެށުން. މާޔޫސްވެ، ހާސްވެގެން ނުވާނެ. އަހަރެމެންނަށް އެނގެން އެބަ ޖެހޭ ސްޕެއިނުން ނުކުންނަނީ މޮޅުވާންކަން. އެހެންވީމަ އެކަމުގައި ބުރަކޮށް މަސައްކަތް ކުރަން މަޖުބޫރު. ސްޕެއިން ނުކުންނާނި ތައްޓަށް. އެ އުންމީދު އެބަ އޮތް،" ޕެޑްރީ ބުންޏެވެ.

ސްޕެއިނަށް އޮތީ ތަޖުރިބާގެ ބޭނުން ކުރުމެއް ނޫނެވެ. ސްޕެއިނަށް އޮތީ ހުނަރުގެ ބޭނުން ފުރިހަމައަށް ހިފުމެވެ. ސްޕެއިންގެ ކުޅުންތެރިންގެ ނަޒަރުގައިވެސް ޓީމު ޅައެވެ. ޒުވާނެވެ. އެހެން ނަމަވެސް ތަޖުރިބާއަކީ ހުރިހާވެސް އެއްޗެއް ނޫންތާއެވެ. ސްޕެއިނަށް އޮތް އެންމެ ބޮޑު އުންމީދަކީ އެއް ސްޓައިލަކަށް ކުޅޭ، ހުނަރުވެރި ހަލުވި، ޖޯޝާއި ބުންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބުމެވެ. އަދި ސްޕެއިންގެ ސްޓައިލް އެ ކުޅުންތެރިން ހިތުދަސްވުމެވެ. ސްޕެއިންގައި ތަޖުރިބާ ހުރި ކުޅުންތެރިން މަދެއްވެސް ނޫނެވެ. ރޮޑްރީއާއި ޑެނީ ކަވަހާލް އަދި އަލްވަރޯ މޮރާޓާ ފަދަ ކުޅުންތެރިންނަކީ ޓީމުގެ ލީޑަރުންނެވެ.