ޓެކްސީތަކުން ދަތުރުކުރާ އިރު، ޕަސެންޖަރުންނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ ހާއްސަ އީދު ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ހިލޭ މައިފައި ޑިވައިސްއަކާ އެކު މުޅިން ހިލޭ 10 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

މި މައިފައި ޑިވައިސްގެ ޒަރިއްޔާއިން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. މާލެ ސަރަހައްދުގައި ތައާރަފުކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ޕަސެންޖަރުންނަށްވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޓެކްސީ ޑްރައިވަރުން އެ ފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމަރު ސާވިސް ސެންޓަރަށް ޒިޔާރާތްކުރުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ޕްރޮމޯޝަންގައި އިސްކަންދޭނީ ފުރަތަމަ އަންނަ ޓެކްސީ ޑްރައިވަރުންނަށް ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރުފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.