ޕޮލެންޑްގެ ތަރި، ކެޕްޓަން ރޮބާޓް ލެވަންޑޯސްކީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
އުމުރުން 35 އަހަރުގެ ތަޖުރިބާކާރު ފޯވަޑް ލެވަންޑޯސްކީއަށް އަނިޔާވީ ޕޮލެންޑުން ހޯމަ ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ބާސެލޯނާއަށް ކުޅެމުންދާ ފޯވަޑް އެ މެޗުގެ 33 ވަނަ މިނެޓުގައި ބާލަން ޖެހިފައިވެއެވެ.
"ލެވަންޑޯސްކީގެ ފަލަމަސްގަނޑުގެ ދަށް ފަޅިއަށް އަނިޔާވެ ހަމަ ޔަގީނުންވެސް ފުރަތަމަ މެޗު އޭނާއަށް ގެއްލޭނެ. ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައިވެސް ލެވަންޑޯސްކީ ނުހިމެނޭނެ،" ޕޮލެންޑް ގައުމީ ޓީމުން ނެރުނު ބަޔާނެއްގައިވެއެވެ.
ޕޮލެންޑަށް 150 މެޗު ކުޅެ، 82 ގޯލު ލެވަންޑޯސްކީ ޖަހާފައިވާ އިރު، އޭނާއަކީ އެގައުމުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ބްރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކް އަދި ބާސެލޯނާއަށްވެސް ގިނަ ގޯލުތަކެއް ލެވަންޑޯސްކީ ޖަހައިދީފައިވާ އިރު، އޭނާއަކީ ޕޮލެންޑް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލުވެސް ޖަހާފައިވާ ކުޅުންތެރިޔާއެވެ.
ޕޮލެންޑުން އަންނަ އާދީއްތަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ގްރޫޕް ޑީގައި ނުކުންނަ އިރު، އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅޭނީ 21 ވަނަ ދުވަހުއެވެ. ދެން އެޓީމުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ މިމަހު 25 ވަނަ ދުވަހުއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024