ކުރިއަށް އޮތް 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖޭގެ އެތުލީޓުންނަށް ކޮލިފައިވެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވެއްޖެއެވެ.
ސޮބާހް އެހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އޮގަސްޓް 17 އިން 24 އަށް ކުރިއަށްގެންދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އިއުލާނުކުރުމަށް މިއަދު ބޭއްވި ހާއްސަ އިވެންޓުގައެވެ. މިފަހަރުވެސް ކ. ތުލުސްދޫގައި މުބާރާތް ހޯސްޓް ކުރަން ސާފިން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، އެ މުބާރާތް ވެގެންދާނީ ތާރީހި މުބާރާތަކަށެވެ. އެއީ އޭޝިއަން ގޭމްސްއަށް ކޮލިފިކޭޝަން ފުރުސަތު އެ މުބާރާތުން ލިބޭތީއެވެ. ޖަޕާނުގައި 2026 ގައި އޮންނަ އޭޝިއަން ގޭމްސްގައި ސާފިން ޝޯޓްބޯޑު އިވެންޓްތައް ހިމަނާފައިވާ އިރު، އެއީ އޭޝިއަން ގޭމްސްގައި ސާފިން އިވެންޓް ފެނިގެންދާނެ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަދުގެ ޕްރެސްގައި ސޮބާހް ވިދާޅުވީ މިދިޔަ އަހަރުތަކުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ އެތުލީޓުން ކާމިޔާބު ހޯދި ކަމަށާއި، މިފަހަރު އިތުރަށް ޗެލެންޖިންވި ނަމަވެސް، ކޮލިފިކޭޝަން އެއް ސްލޮޓް ޔަގީންކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
"މިފަހަރު ޗެލެންޖިންވާނެ އެހެން ފަހަރުތަކަށްވުރެ. އެއީ މިފަހަރު ރާއްޖޭގެ މުބާރާތުން ކޮލިފިކޭޝަން ޖާގަތައް ޔަގީންވާތީ އެންމެ މަތީ ފަންތީގެ ސާފަރުންވެސް އަންނާނެ. އެހެން ނަމަވެސް އަޅުގަނޑު އުންމީދުކުރަނީ، އަޅުގަނޑުމެންނަށް ކޮލިފައިންގެ އެއް ސްލޮޓް ވަރު ޔަގީންކުރެވޭނެ ކަމަށް. އެ ކޮލިފިކޭޝަނަށް އެބަ ލިބޭ ދެ ފުރުސަތެއް. އެއީ، ރީޖަނަލީ އިންނަ ފުރުސަތާއި މުޅި އޭޝިއާއިން ޓޮޕް ސެވަން، ތެރޭގައި ހިމެނުމުން ލިބޭ ފުރުސަތު، އޭގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބައިން،" ސޮބާހު ވިދާޅުވިއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މިހާތަނަށް އިންޑިޖުއަލް ވަނަ ރާއްޖެއަށް ހޯދައިދީފައިވަނީ ހުސެއިން އަރީފް (އިބޫ)އެވެ. އޭނާ ވަނީ މިދިޔަ ދެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައިވެސް ލޯ މެޑަލް ހޯދައިފައެވެ.
ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ސާފިންނަށް ލިބެނީ ޖުމުލަ 48 ސްލޮޓެވެ. އެއީ އަންހެން 24 އަދި ފިރިހެން 24 އެތުލީޓުންނަށް ލިބޭ ފުރުސަތުތަކެކެވެ. އެ ކޮލިފިކޭޝަނަށް ވާދަކުރަން ރާއްޖޭގެ ސާފިން އެސޯސިއޭޝަނަށް ލިބެނީ އަންހެން ދެ ޖާގަ، އަދި ފިރިހެން ދެ ޖާގައެވެ. އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް މިއަހަރު 12 އެތުލީޓަކު ކޮލިފައިވާނެއެވެ. އެއީ އޭޝިއާ ބަހާލެވޭ ފަސް ރީޖަނެއްގެ ޗެމްޕިއަނުންނަށް ލިބޭ ފުރުސަތުގެ އިތުރުން، އެ ފަސް އެތުލީޓުންގެ ގައުމުތައް އުނިކޮށް، ދެން އެހެން ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ރޭންކިން އެންމެ ރަނގަޅު ހަތް އެތުލީޓަކަށް ލިބޭ ފުރުސަތެވެ.
މިފަހަރުގެ ރާއްޖޭގައި އޮންނަ ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ޓީމަކުން ވާދަކުރާނެއެވެ. އެއީ "ޓީމު އޭ" އަކާއި "ޓީމު ބީ" އަކުންނެވެ. "ޓީމު ބީ"އަކީ ކޮލިފައިވާ ގޮތަށް ފުރުސަތު ދޭ ޓީމެއް ނޫނެވެ. ރޭންކިންއަށް ގުނޭ ގޮތަށް ޓީމުތައް އެކުލަވާލެވުނު އިރު، ކޮންމެ ޓީމެއްގައިވެސް އަންހެން، ފިރިހެން ޖޫނިއާ ތިނެއް އަދި ސީނިއާ އެތުލީޓުން ހިމެނޭނެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް