ބޮޑު އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ މި މަހުގެ 18ގައި ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޮޑު އީދާ ގުޅިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ. ނަމަވެސް ހަފުތާ ބަންދާއެކު އީދު ބަންދަށް ނުވަ ދުވަސް ލިބޭނެއެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރު ބަންދު ދުވަސްތަކުގައި އެ ބޭންކު ހުޅުވާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ބަންދު ދުވަސްތަކުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުން އެދެނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯދުމަށް ކަމަށެވެ.