އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.
ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހު އެ އެންމެންވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ، މުޒާހަރާކޮށް، ހަމަނުޖެހުން ހިންގީ މިދިޔަ ބުދަ ދުވަހުއެވެ. އެ ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެސް ވިއެވެ.
ފުލުހުން ބުނި ގޮތުގައި، މުޒާހަރާ ކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގާ އުކުމުގެ ސަބަބުން އެ އިދާރާގެ ދޮރުގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މުޒާހަރާކޮށްފައި ވަނީ ތޮއްޑޫ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، ތިން މަސް ވީ އިރުވެސް ކައުންސިލުން އެ ބިންތައް ދޫކޮށްފައި ނުވާތީއެވެ. ގޮއިބިން ހިމެނޭ ސަރަހައްދަކީ ތޮއްޑޫގެ ތިންބައިކުޅަ އެއްބައެވެ. އެއީ ބިންގަނޑު ރަނގަޅު ސަރަހައްދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު