މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މާލެއިން މީހަކު ރަހީނުކޮށް، އެ މީހާއަށް އަނިޔާކޮށް ފޭރުނު މައްސަލައިގައި، އުމުރުން 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ގައެވެ. އެއިރު ކޯޓުން ވަނީ އަނބިމީހާގެ ބަންދަށް 10 ދުވަސް ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އަންހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން އިތުރު 15 ދުވަސް ކޯޓުން ދިނީ މިދިޔަ ބުދަ ދުވަހުގައެވެ. ފިރިހެން މީހާގެ ބަންދު މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވެސް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.
ފުލުހުން ކޯޓުގައި ބުނީ އެ ދެ މީހުން ވެގެން މީހަކު ރަހީނުކޮށްގެން ގެންގުޅެފައިވަނީ ހ. ހޯގުޅާ މަންޒިލް ގޭގައި ކަމަށެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އެ ގެއިން ކަމަށް ފުލުހުން ބުންޏެވެ. އަންހެން މީހާ ހައްޔަރުކުރުން، އަންހެން މީހާ ވަނީ 40 އަހަރުގެ ފިރިހެން މީހާ ވެސް އެކަމުގައި ޝާމިލުވާ ކަމަށް ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ހޯގުޅާ މަންޒިލް ގެއާ ތަންކޮޅެއް ދުރުގައި ހުއްޓައި ކަމަށާއި އެ ގެއިން ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައި ވަނީ މިއީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށްވާތީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކިތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތަށްޓަކައި އެ ދެ މީހުން ބަންދުކުރަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު