ކުރިއަށް އޮތް ޔޫރޯ 2024 އަށް ތައްޔާރުވަމުންދިޔަ ނެދަލޭންޑްސްގެ ސްކޮޑުގައި ހިމެނި މިޑްފީލްޑަރު ފްރޭންކީ ޑި ޔޯންގަށް މުބާރާތަށް ފިޓް ނުވެވޭކަން އެނގުމުން ސްކޮޑު ދޫކޮށްލައިފިއެވެ.
އުމުރުން 27 އަހަރުގެ ޑި ޔޯންގްގެ ކުޑަހުޅަށް އަނިޔާވެ، މިދިޔަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ގެއްލިފައެވެ. މާޗު މަހު އޭނާގެ ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ބާސެލޯނާއަށް މިދިޔަ ސީޒަނުގައި ޑި ޔޯންގަށް ކުޅެވުނީވެސް އެންމެ ތިން މެޗެވެ. ރިކަވަރީއާއެކު ޔޫރޯއަށް ފިޓް ވެވޭނެ ކަމަށް ބަލައި، ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ފައިނަލް ކުރި ސްކޮޑުގައި ޑި ޔޯންގްގެ ނަން ހިމެނިވެސް މެއެވެ.
އެހެން ނަމަވެސް، ރޭ އޭނާ ވަނީ ޔޫރޯ 2024 ނުކުޅެވޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ޑި ޔޯންގް އަސަރާއެކު ބުނެފައި ވަނީ ގައުމީ ޓީމަށް ޔޫރޯގައި ކުޅެ، ގައުމީ ސަލާމަށް ހުއްޓި ހުރުމަކީ އޭނާ ނުހަނު ބޭނުންވި ޝަރަފުވެރި ފުރުސަތެއް ނަމަވެސް، އެ ފުރުސަތުގެ ބޭނުން މިފަހަރު ކުރެވެން ނެތް ކަމަށެވެ. ކުޑަހުޅަށް މިވަގުތު ރެސްޓް ބޭނުންވާ ކަމަށް ޑި ޔޯންގް ބުނެފައިވާ އިރު، އޭނާ ބުނީ އެނބުރި އަންނާނީ އަންނަ ސީޒަނަށް ކަމަށެވެ. އަދި މިފަހަރު ނެދަލޭންޑްސްގެ ސަޕޯޓަރެއްގެ ގޮތުގައި ޔޫރޯ ބަލަން ނިންމާފައިވާކަމަށްވެސް ޑި ޔޯންގް ބުންޏެވެ.
އަނިޔާއިން ރަނގަޅުވާން މަސައްކަތް ފަށައި، މެޗު ފިޓްނަސް ރަނގަޅު ކުރުމަށް ޑި ޔޯންގް ވަނީ މިހާރު ބާސާއަށް ގޮސްފައެވެ. އެނާގެ ރިހެބްލިޓޭޝަން ކުރިއަށް ގެންދާނީ ކްލަބުގައެވެ.
ގައުމީ ޓީމަށް 54 މެޗު ކުޅެދީފައި ޑި ޔޯންގަކީ ނެދަލޭންޑްސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ޑި ޔޯންގާ ނުލާ ނުކުންނަ ނެދަލޭންޑްސްއިން ގްރޫޕް ޑީގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ދެން އެ ގްރޫޕްގައި ހިމެނެނީ ފްރާންސާއި އޮސްޓްރިއާއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024