އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ގްރީން ސްޓްރީޓްސް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާއާއި ގްރީނުންވެސް މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗެވެ. ޖުމުލަ އަށް ޓީމާއެކު މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކުރިއަށްދާ އިރު، މާޒިޔާއާއި ގްރީން ހިމެނެނީ ގްރޫޕް ބީގައެވެ.

މިއަދުގެ މެޗުގެ ހަތްވަނަ މިނެޓުގައި ގްރީނުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ މާޒިޔާގެ ފަހަތުން ހެދުނު ގޯހެއްގައި ކީޕަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ގްރީނުން ޖެހި ގޯލެކެވެ. ގްރީނަށް ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އާދަމް ސަމާހެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައިވީ ނަމަވެސް އިތުރު ގޯލެއް ފެނުނީ 35 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މާޒިޔާއަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަބްދުﷲ ލޫތެވެ.

ގްރީނުން މެޗުގައި ދެވަނަ ގޯލެއް ޖެހީވެސް ހިލޭ ޖެހުމަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އެ ގޯލު ޖަހައިދިނީ ސައްޔާފް އާދަމެވެ. މާޒިޔާއިން މެޗު އެއްވަރުކުރީ 88 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ އަހުމަދު މިލްހާނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ގްރީންގެ މުހައްމަދު ފައިޒާނެވެ.