އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ބިލަށް ބަހުސްކޮށް ނިމުމުން، މަޖިލީހަށް ބިލް ބަލައިގަނޭތޯ ބެލުމަށް ނެގި ވޯޓުގައި ބިލް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ޕީޖީ، ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބިލް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.

މި ބިލަކީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލިސްއަށް ހުށަހެޅުއްވި ބިލެކެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށެވެ.

އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އަށް ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

މީކާއީލް ވިދާޅުވީ އެ އިސްލާހުގެ ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ. އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ، އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް ނޭނގޭތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން އިސްވެ ބަޔާންކުރާ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖުލައި މަހުގެ ދެވަނަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފައެވެ.

އެކަމަށްޓަކައި ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

  • ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
  • ހާރިޖީ ވަޒީރު މޫސާ ޒަމީރު
  • އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
  • އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް