ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް މިއަދު އިއުލާނު ކޮށްފިއެވެ.

މިއަދު އިވެންޓް އިއުލާނު ކޮށްފައި ވަނީ އެކަމަށްޓަކައި ހ. ބޯޅަގޭގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. ޕްރެސްގައި އިވެންޓް ރަސްމީކޮށް އިއުލާނުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއެވެ. އޭގެ އިތުރުން މިއަދުގެ ޕްރެސްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސައިން ނިޒާމް އަދި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ބައިވެރިވެލެއްވިއެވެ.

މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް އަންނަ އޮގަސްޓް މަހުގެ އެކަކުން ނުވައަކަށް ވަރުނުލާ ރާޅުގަނޑުގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެ އިވެންޓްގައިވެސް ދުނިޔޭގެ އެންމެ މޮޅެތި ބޮޑީބޯޑަރުން ބައިވެރިވާނެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވޯލްޑް ޓުއާގެ އިވެންޓްތައް ކާމިޔާބުކަމާ އެކު ހޯސްޓް ކޮށްފައިވާ އިރު، އެ ދެ މުބާރާތާއި މިއަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ ވިސިޓް މޯލްޑިވްސްއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގައި މިފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން އިވެންޓްތައް އިންސާފުކުރަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެއިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މިއަދުގެ އިވެންޓްގައި މިނިސްޓަރު ރާފިއު ވަނީ ބޮޑީބޯޑިންގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައިފައެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާ އިވެންޓްތައް ނިމުނު އިރު، ރާއްޖޭގެ އެތުލީޓުން ހޯދާފައިވާ އޮތް ކާމިޔާބީ ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއަށްވުރެ އުހަށް ބޮޑީބޯޑަރުންނަށް ދެވޭނެ މަގު ފަހިކޮށްދޭން ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

މިއަދުގެ އިވެންޓްގައި އެސޯސިއޭޝަންގެ ރައީސް ނިޒާމް ވަނީ ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން މިނިސްޓަރު ރާފިއު އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީން މުބާރާތަށް ދެއްވާ އެއްބާރުލުންވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ އުންމީދަކީ ރާއްޖެއަށް ބޮޑީބޯޑިންގެ އެންމެ ފުންނާބު އުސް އެތުލީޓުން އައިސް ބޮޑީބޯޑު ކުރާތަން ފެނި، ކުދިންގެ ހިތްތަކުގައި ބޮޑީބޯޑިންނަށް އިތުރު ޝައުގެއް އުފެދުން ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ،

މިއަދުގެ ޕްރެސްގައި ޖެނެރަލް ސެކްރެޓަރީ ރަޝް ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތަށް އައިބީސީން 100 އަކުން 85 ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަމާލުވާން ބޮޑަށް އިރުޝާދު ދީފައި ވަނީ ގުދުރަތީ ގޮތުން ދިމާވާ ހާލަތެއްގައި ބައެއް ކަންކަން ރަނގަޅު ކުރުމަށް ކަމަށްވެސް ރަޝް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ރާޅު ބާނި ބޮޑުވެ، ލޮނު އެރުމުން ކަރަންޓް ޝޯޓްވުން ކަހަލަ ކަންކަން ދިމާވި ކަމަށާއި މިފަހަރު އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރަޝް ފާހަގަކުރެއްވިއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް މިހާތަނަށް ވެފައި ވަނީ ކާމިޔާބު އިވެންޓަކަށެވެ. ފުރަތަމަ އަހަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ޖޫނިއާ ބައިން އާމިން އުމަރު މޫސާ ވަނީ ފައިނަލަށްވެސް ގޮސްފައެވެ. އަދި އޭގެފަހުން މިދިޔަ އަހަރުވެސް އާމިން ސެމީގައި ވާދަކޮށްފައިވާ އިރު، މިދިޔަ އަހަރު ރާއްޖޭގެ އަލީ ޝާމް ވަނީ ފިރިހެން އޯޕަން ޑިވިޝަންގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް ބަލިކޮށް ތަފާތު ދައްކައިފައެވެ.

އެއާއެކު، މިދިޔަ އަހަރުގެ މުބާރާތް ތާރީހީ މުބާރާތަކަށްވީ ޑްރޮޕް ނީ ކެޓަގަރީގެ ދުނިޔޭގެ ޗެމްޕިއަންކަން ރާއްޖޭގެ މޯލްޑިވްސް ޕްރޯއިން ޑޭވިޑް ހުބާޑް ޔަގީންކުރުމުންނެވެ.