ވަރުނުލާ ރާޅުގަނޑުގައި ގާއިމުކުރަން ތައްޔާރުވެފައިވާ ސާފިންނާއި ބޮޑީބޯޑިންނަށް ހާއްސަ އެރީނާ ގާއިމުކުރެވުމުން، މުބާރާތްތައް ބާއްވަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތް، މޯލްޑިވްސް ޕްރޯ ރަސްމީކޮށް އިއުލާނުކުރުމަށް ބޯޅަ ގޭގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ. މިދިޔަ ދެ އަހަރުވެސް ރާއްޖޭގައި މޯލްޑިވްސް ޕްރޯގެ ނަމުގައި އައިބީސީ ވޯލްޑް ޓުއާ ބޮޑީބޯޑިން އިވެންޓެއް ރާއްޖޭގައި ހޯސްޓް ކޮށްފައިވާ އިރު، އެ ދެ އިވެންޓްވެސް ފެނުނީ ވަރަށް ކާމިޔާބު ކޮށެވެ.

މިއަދުގެ ޕްރެސްގައި އެމްބީބީއޭގެ ފަރާތުން، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ މިދިޔަ އަހަރުގެ އިވެންޓަށް އައިބީސީން ދީފައިވާ ސްކޯއަކީ 100 އަކުން 85 ކަމަށެވެ. އޭގެ ތެރެއިން ސަމާލުވާން ބޮޑަށް އިރުޝާދު ދީފައި ވަނީ ގުދުރަތީ ގޮތުން ދިމާވާ ހާލަތެއްގައި ބައެއް ކަންކަން ރަނގަޅު ކުރުމަށް ކަމަށްވެސް ރަޝް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ރާޅު ބާނި ބޮޑުވެ، ލޮނު އެރުމުން ކަރަންޓް ޝޯޓްވުން ކަހަލަ ކަންކަން ދިމާވި ކަމަށާއި މިފަހަރު އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރަޝް ފާހަގަކުރެއްވިއެވެ.

އެވާހަކައާ ގުޅިގެން މިނިސްޓަރު ވަނީ އައިބީސީން މުބާރާތުގެ އިންތިޒާމްތަކަށް ދޭ ސްކޯ މަތިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އައިބީސީން މުބާރާތަށް ދޭ ސްކޯ ރަނގަޅުކުރުން. އެގޮތުގެ މަތިން، މިއަހަރު ތެރޭގައި އަޅުގަނޑުމެން އިއުލާނުކޮށްފައި އޮންނާނެ ސާފިން އަދި ބޮޑީބޯޑިން އެރީނާއެއް ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރާނެ ވާހަކަ. މޯލްޑިވްސް ޕްރޯއަށް އެ މަސައްކަތް ލަސްކޮށްލާފައި މިހާރު މިއޮތީ. އޮގަސްޓް މަހު އެ އިވެންޓް ނިމުމާއެކު އެ މަސައްކަތް ފެށިގެން ދާނެ. އެ މަސައްކަތް ކުރެވުނީމަ އެތަނުގައި މުބާރާތްތަކަށް ރަނގަޅު ފެސިލިޓީތަކެއް ގާއިމުވެގެން ދާނެ. އޭގެ ތެރޭގައި މެޑިކަލް، އިކިއުޕްމަންޓްސް ރިޕެއާ އަދި މެއިންޓެނެންސް އެތަނުން ހަމަޖެހިގެންދާނެ،" ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވީ މޯލްޑިވްސް ޕްރޯއަށް ތައްޔާރުވި އިރުވެސް ފުރަތަމަ ބަޖެޓުގެ ދަތިކަމެއް އައި ނަމަވެސް، އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ވާހަކަތައް ދެކެވިގެން އެކަމަށް ހައްލު ހޯދިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޕްރޯ ފަދަ މުބާރާތްތަކާއެކު ރާއްޖޭގެ ބޮޑީބޯޑިން އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް މިނިސްޓަރު މިއަދު ފާހަގަކުރެއްވިއެވެ.