ސްޕެއިންގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ކާލޮސް އަލްކަރާޒް، ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން (ރޯލަންޑް ގަރޮސް) ކާމިޔާބު ކޮށްފިއެވެ.
އަލްކަރާޒް، 21، ކެރިއަރުގައި ތިންވަނަ ގްރޭންޑް ސްލޭމް ތަށި ރޭ ޔަގީންކުރީ ފައިނަލުގައި ޖަރުމަނުގެ އެލެކްސެންޑާ ޒްވެރޭވް ބަލިކޮށްގެންނެވެ. ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ފައިނަލް ފަސް ސެޓަށް ކުޅެފައިވެއެވެ.
ރޭގެ ފައިނަލްގެ ފުރަތަމަ ސެޓު އަލްކަރާޒް 6-3 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު ގެންދިޔައީ ޒްވްރޭވްއެވެ. އެއީ 6-2 އަދި 7-6 އިންނެވެ. މެޗުގެ ތިންވަނަ ސެޓު އަލްކަރާޒް އަތުން ޓައި ބްރޭކަށް ގޮސްގެން ގެއްލިފައިވުމާ އެކު ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓުގައި އޭނާ ދެއްކީ މޮޅު ކުޅުމެކެވެ. އެ ސެޓުތައް 6-1 އަދި 6-2 އިން ގެންގޮސް ޗެމްޕިއަންކަން ޔަގީން ކުރިއެވެ.
އަލްކަރާޒް ވަނީ މީގެ ކުރިން ޔޫއެސް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކޮށްފައެވެ. ރޭ ކްލޭގައި ގްރޭންޑް ސްލޭމެއް ކާމިޔާބުކޮށް، އަލްކަރާޒް ވެފައި ވަނީ ތަފާތު ތިން ސާފަސްއެއްގައި ގްރޭންޑް ސްލޭމް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ރޭގެ ކާމިޔާބީ އަލްކަރާޒަށް އެތައް ގޮތަކުން ހާއްސަ ކަމަށް އޭނާ ބުންޏެވެ. އަލްކަރާޒްގެ އައިޑަލް، ސްޕެއިންގެ ރަފޭލް ނަޑާލް ރެކޯޑު 14 ފަހަރަށް ހޯދާފައިވާ ފްރެންޗް އޯޕަން އޭނާއަށް ހާއްސަވީ އެންމެ ކުޑައިރުން ފެށިގެންވެސް ޝައުގުވެރިވާ މުބާރާތަކަށް އެ މުބާރާތް ވާތީއެވެ. އެގޮތުން ފްރެންޗް އޯޕަންގެ ގިނަ މުބާރާތްތަކެއް، ޕެރިހަށް ގޮސް ބޮޑު ސްކްރީންގައި ބެލި ހަނދާން އަބަދުވެސް ހުންނަ ކަމަށް ރޭގެ މެޗަށްފަހު އަލްކަރާޒް ބުނެފައިވެއެވެ.
ފްރެންޗް އޯޕަން އަލަށް ހޯދުމުގެ ކާމިޔާބީ ހަނދާނުގައި ބަހައްޓަން ޕެރިހުގެ ރަމްޒު، އައިފުލް ޓަވާ ގެ ޓެޓޫއެއް ޖަހާނެ ކަމަށްވެސް އަލްކަރާޒް ބުނެފައިވެއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް