އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހުވާކުރައްވައިފިއެވެ.

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް އެގައުމުގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައިވާ މޯދީ ވަނީ ވެރިރަށް ދިއްލީގައި މިރޭ ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ހުވާކުރައްވައިފައެވެ.

އެތައް ހާސް މީހުން ބައިވެރިވި އެ ރަސްމިއްޔާތުގައި ބަންގުލަދޭޝްގެ އިތުރުން ނޭޕާލާއި ސްރީލަންކާ އަދި ރާއްޖޭގެ އެންމެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ކުރިއަށްދިޔަ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 2500 އަށްވުރެ ގިނަ ފުލުހުން ހަރަކާތެރިވެފައިވާ އިރު، އެ ސަރަހައްދުގެ މަތިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މެމްބަރުންގެ ގޮތުގައި ހިމެނިފައިވާ މެމްބަރުން ވެސް ހުވާކުރެއްވިއެވެ.

މޯދީގެ ޕާޓީ ބާރަތިޔާ ޖަނާތާ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން، ނެޝަނަލް ޑިމޮކްރަޓިކް އެލައިންސްއަށް އިންތިހާބުގައި 293 ގޮނޑި ލިބުނެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީން 234 ގޮނޑި ކާމިޔާބުކުރިއެވެ.