އެމްޑަބްލިޔުއެސްސީން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، އެންސީއޭއާ ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފުތިތާހު ކޮށްފިއެވެ.

ރޭ ސަލްޓަން ފާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރުހުންތަކަށްވެސް ފައިސާގެ އިނާމު ދޭނެ ކަމަށް ބުންޏެވެ. އެ ފަސް ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެންސީއޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މި މުބާރާތުގެ [ވެބްސައިޓް](www.fenundhirun.mwsc.com.mv) މެދުވެރިކޮށް ރަޖިސްޓާ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބާއްވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން އިތުރަށް ބުނި ގޮތުގައި މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި އޮންނާނެއެވެ. އެގޮތުން ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 ޕަސަންޓު ލިބިގެންދާނެ ކަމަށާއި ބާކީ 85 ޕަސަންޓު ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށެވެ.