ރާއްޖޭގެ 18 އަހަރުން ދަށުގެ ޖޫނިއާ ސާފިން ޗެމްޕިއަން ކަޔާން އަބްދުﷲ އަރީފް ދިރާގުގެ ޔޫތު ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.

ކަޔާނަށް މިއަދު ދިރާގުގެ އެމްބެސެޑާޝިޕް ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަނެވެ. އެކަމަށް ހާއްސަކޮށްގެން ބޭއްވި އިވެންޓް އޮތީ އާޓިފިޝަލް ބީޗުގައެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަމުން މިރުޝާން ވިދާޅުވީ ކަޔާން ކަހަލަ ހުނަރުވެރިޔަކު ދިރާގުގެ ޔޫތު އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސުމަކީ ލިބުނު އުފަލެއް ކަމަށާއި ޒުވާން ހުނަރުވެރި ކުދިންގެ ކުރިއެރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުންވެސް ހުނަރުވެރި އެތުލީޓުންގެ ހުނަރު ކުރިއަރުވަން ދިރާގުން އަބަދުވެސް އިސްކަން ދޭނެ ކަމަށް މިރުޝާން ފާހަގަކުރެއްވިއެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ދިރާގުން ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ސާފިން ކްލަނިކެއްވެސް މިއަދު އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންގޮސްފައެވެ. ސާފިން އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ސާފިން ކްލިނިކްގައި ކަޔާންއާ އެކު އިތުރު ކުދިން ބައިވެރިވެފައިވެއެވެ. އެ ކްލިނިކްގައި ކަނޑުގެ ދިރުމާއި ރާއްޖޭގެ ސާފިން ޕޮއިންޓްތަކުގެ އިތުރުން ސާފިންގެ އެކިއެކި ސަލާމަތީ ކަންކަންވެސް ބައިވެރިންނަށް ކިޔައިދީފައިވެއެވެ.

ދިރާގުން މިދިޔަ މަހު ލޯންޗް ކުރި ޔޫތު އެމްބެސެޑާޝިޕްގެ އެންމެ ފުރަތަމަ އެތުލީޓަކީ ރާއްޖޭގެ އެންމެ ކުޅަދާނަ ޓީޓީ ކުޅުންތެރިޔާ ދީމާ އަލީއެވެ. މިއަދު ޕާޓްނާޝިޕް ހެދި ކަޔާނަކީ މިވަގުތުވެސް ރާއްޖޭގައި ހުރި 18 އަހަރުން ދަށުގެ އެންމެ މޮޅު ސާފަރެވެ. އޭނާ ވަނީ ގައުމީ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައެވެ.