ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ މީހުން ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ފުރަތަމަ 50 މީހުން މިއަހަރުގެ ހައްޖުގެ އަޅު ކަމަށް ފުރި އިރު، އޭގެ ތެރޭގައި ފަގީރު ނޫން މީހަކު ހިމެނޭ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1،000 މީހުން ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ރިޔާސީ ވައުދުގެ ދަށުން ފުރަތަމަ ހައްޖަށްދާ 50 މީހުން ފުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން އެމީހުން ހައްޖަށް ފުރި އިރު، އޭގެ ތެރޭގައި ޝަރުތު ހަމަނުވާ މީހަކު ހުރިކަން ހާމަވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ހައްޖުވެރިންގެ ޝުއޫރުތަކުގެ ވީޑިއޯ އިންޓާވިއުއަކުންނެވެ. އެ ވީޑިއޯއިން ފެންނަ އެކަކަކީ ފަގީރެއް ނޫން ކަމަށާއި އޭނާއަކީ ވަޒީފާ އަދާ ކުރާ މީހެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަކީ ސްކޫލެއްގެ އިސްލާމް ޓީޗަރެއް އަދި މިސްކިތެއްގެ އިމާމެކެވެ.

އެކަމާ ގުޅިގެންއިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ފަގީރުންގެ ލިސްޓްގައި ނުހިމެނޭ މީހަކު ސަރުކާރުގެ ހިލޭ އެހީގައި ހައްޖަށް ފޮނުވާފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ ފުރަތަމަ ތިން ހަފުތާ ތެރޭގައި ކެބިނެޓާ މަޝްވަރާކުރައްވައި މިއަހަރުގެ ހައްޖުގެ މޫސުމުގައި ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ފުރަތަމަ ބުރުގައި ހިލޭ ހައްޖަށް ގެންދާ މީހުންގެ ގުރު ނަގައިފައެވެ. ގުރުއަތު ނަގާފައިވަނީ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ. ގުރު ނެގުމަށް ބޭނުންކޮށްފައިވަނީ ފަގީރުންގެ ލިސްޓުގައި ތިބި 667 މީހުންގެ އައިޑީކާޑު ނަންބަރެވެ. އޭރު 50 މީހުންގެ ގުރުއަތު ނެގީ، އޭގެ ތެރެއިން ބަޔަކު އުޒުރުވެރިވެއްޖެ ނަމަ ޖާގަ ދޭނެ 10 މީހުންނާ އެއްކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން ސަރުކާރުގެ ހަރަދުގެ ހައްޖަށް ދިއުމަށް ޝަރުތު ހަމަވަނީ 667 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.