ރާއްޖޭގައި ހިންގާ ކުޅިވަރު ޖަމިއްޔާތަކަކީ މިނިވަން ތަންތަން ނަމަވެސް، އެ އެސޯސިއޭޝަންތަކުގެ ރައީސުން ސަރުކާރަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަހީމް އެހެން ވިދާޅުވެ ލިޔުއްވާފައި ވަނީ "ކުޅިވަރު ޖަމިއްޔާތައް ޒިންމާދާރު ކުރުވުން -1" ގެ ނަމުގައި އޭނާގެ ބްލޮގްގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައެވެ. ޝަމީމް އެހެން ލިޔުއްވާފައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސަކަށް ހުންނެވި، މޫސާ ނާޝިދު، ހައި ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް ކުރިއަށްގެންދިޔަ މައްސަލައަށް ރިއާޔަތް ކުރައްވައެވެ.
ހައި ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގައި މޫސަ ދާދިފަހުން ވިދާޅުވެފައި ވަނީ އޭނާއާ މެދުގައި ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މުހާތަބު ނުކުރެވޭނެ ކަމަށާއި އޭނާއަކީ އެއްވެސް އުޖޫރައެއް ސަރުކާރުން ލިބޭ މީހެއް ނޫން ކަމަށެވެ. އެހެން މޫސަ ވިދާޅުވެފައިވާ ވިދާޅުވުމަށް ޝަމީމް ވަނީ ރައްދު ދެއްވައިފައެވެ.
"ކުޅިވަރު ޖަމިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ހަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއް ކަމަށާއި، ތިމަންނާއަކީ 'އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫން ކަމަށް' ބުނެ ދިފާއެއް ނުނެގޭނެ ކަމާއި އެހެން ބުނެގެން ފަރެއް ނުޖެއްސޭނެކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/21,22,23 (މޫސާ ނާޝިދު ވ ޕްރޮސިކިއުޓާ ޖެނެރަލް) ގަޒިއްޔާއިން ސާފުވެއެވެ. އެހެން ނޫނަސް، ޖަމިއްޔާ ޖަވާބުދާރީ ކުރުވިފައި، ޖަމިއްޔާ ތަމްސީލުކުރާ ރައީސް ޖަވާބުދާރީ ނުކުރުވޭނެ ކަމަށް ބުނުމަކީ ހެއްވާ ވާހަކައެވެ. ފައިސާ ދިން މީހާ ޖަވާބުދާރީ ކުރުވާފައި، ފައިސާ ލިބުނު މީހާ ޖަވާބުދާރީ ނުކުރުވޭނެ ކަމަކަށް ނުބުނެވޭނެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.
ޝަމީމް ބްލޮގްގައި އިތުރަށް ވިދާޅުވެފައި ވަނީ 'ދައުލަތުގެ މުވައްޒަފުން' ގެ ތެރޭގައި ގާނޫނުން އުފައްދާ އެކިއެކި މުއައްސަސާތަކުގެ މީހުން ހިމެނޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2023/SC-A/15 (ޕްރޮސިކިއުޓާ ޖެނެރަލް ވ. މުހައްމަދު ޝިފާޢު) މައްސަލައިގައި ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުންވެސް ޕީޖީ ޝަމީމް ވަނީ ދިވެހިރާއްޖޭގައި ކުޅިވަރު ޖަމިއްޔާތައް "މިނިވަން" ކުރުމުގެ ތާރީހަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން 2008 ގެ ކުރިން ކުޅިވަރު ޖަމިއްޔާތަކަށް މީހުން އައްޔަން ކުރައްވަމުން އައިސް، އޭގެފަހުން އިންތިހާބުތަކަށް ގޮސް އެސޯސިއޭޝަންތައް މިނިވަން ކުރަން އޭރުގެ ސަރުކާރުން ނިންމި ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، އެ މިނިވަންކަމަކީ އެސޯސިއޭޝަންތައް ސަރުކާރަށް ޖަވާބުދާރީވާން ނުޖެހޭނެ ސަބަބެއް ކަމަށް ނުބެލެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ކުޅިވަރު ޖަމިއްޔާތައް 'މިނިވަން' ވުމުގެ މަފްހޫމަކީ މިބަދަލާއެކު އުފެދުނު މަފްހޫމެވެ. ނަމަވެސް، މިނިވަންކަމުގެ މާނައެއް، ކުޅިވަރު ޖަމިއްޔާތަކަކަށްވެސް ސަރުކާރަކަށްވެސް ވިސްނޭ ކަމަކަށް ނުފެނެއެވެ. ބައެއް ކުޅިވަރު ޖަމިއްޔާތަކުން ދެކެނީ، ސަރުކާރަކަށް އެ ޖަމިއްޔާތަކުގެ މައްޗަށް ބަހެއް ނުބުނެވޭނެ ކަމަށެވެ. އެކަމަށް ބާރުދޭން، އެ ކުޅިވަރުތައް ނިސްބަވްތާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނާ ކަމަށް ބުނެ، ބައެއް ވާހަކަތައްވެސް ދައްކައެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.
ޝަމީމް ވިދާޅުވެފައި ވަނީ ސަރުކާރުން ކުޅިވަރުގެ ބިންތައް ކަނޑައަޅައި، އެ ބިންތަކަށް ބޮޑުތަނުން ހަރަދުކޮށް، އެސޯސިއޭޝަންތަކަށް އެހީގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާއެއް ހޭދަކުރާ ކަމަށާއި އެ ފައިސާގެ ނަތީޖާއަށް ސުވާލުކުރެވޭނެ ކަމަށެވެ.
"ބެޑްމިންޓަން ކޯޓު ދިއްލަން ކުރާ ހަރަދަކީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ސަރުކާރުން ދޭ 'ފައިސާ'އެވެ. އެ ފައިސާ، އެސޯސިއޭޝަންގެ ބަޖެޓުން ފެނި، އޭގެން ނެރެވުނު ނަތީޖާވެސް އެނގެންވާނެއެވެ. ކުޅިވަރު ޖަމިއްޔާތައް ގާނޫނީ ގޮތުން މިނިވަނެވެ. ނަމަވެސް، އޭގެ މާނައަކީ ސަރުކާރުން ކުރާ ހަރަދާ އެއްވަރުގެ ބަދަލެއް ނުދޭނަމޭ ބުނުމެއް ނޫނެވެ. ފައިސާ ދޭނަމަ، އެފައިސާއިން ނެރެދޭންޖެހޭ ނަތީޖާއެއް އޮންނާނެއެވެ. އެއީ މިނިވަންކަން ގެއްލުމެއް ނޫނެވެ. 'މިނިވަން' ކަން އެ ގޮތަށް ބޭނުންވާނަމަ، ކުޅިވަރުކުޅެން ދޫކޮށްފައި ހުރި ބިންތަކަށް މާކެޓް ރޭޓުގައި ކުލިވެސް ވާނީ ދައްކާށެވެ. ސަރުކާރުން ޖަމިއްޔާއަށް ހަރަދުކުރާނަމަ، ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި މައިގަނޑު ކަންކަން ކުރަން ކުޅިވަރު ޖަމިއްޔާތަކަށް އެންގުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެކެވެ،" ޝަމީމް ބްލޮގްގައި ލިޔުއްވާފައިވެއެވެ.
ޕީޖީ ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ، ރައްޔިތުންގެ ފައިސާ ކުޅިވަރު ޖަމިއްޔާތަކުން ހަރަދުކުރާނަމަ، އެއީ ދައުލަތުގެ ފައިސާކަމަށްވާތީ، އަމަލުކުރަންޖެހޭ ގާނޫނީ ހަމަތަކެއް ހުންނާނެ ކަމަށެވެ.
"މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެ އުސޫލުތަކަށް އަމަލުނުކުރާނަމަ، ފާރަވެރިވާ އިދާރާތައް ހުރެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓާއި ދިވެހި ފުލުހުންގެ ހިދުމަތެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާނަމަ، އެ އިދާރާތަކުން އެމައްސަލައެއް ބަލާނެއެވެ. އެކަން ކުރަނީ ސަރުކާރުގެ މުވައްޒަފެއްތޯ، 'މިނިވަން' ޖަމިއްޔާއެއްގެ ރައީސްތޯއެއް އެ ތަނަކުން ނުބަލާނެއެވެ. ބަލަނީ ކާކުގެ ފައިސާއެއްތޯއެވެ. ރައްޔިތުންގެ ފައިސާނަމަ، އެ ފައިސާ ހަރަދުކުރާނެ ހަމަތަކެއް ހުންނާނެއެވެ. އެ ހަމަތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ،" ޝަމީމްގެ ލިޔުއްވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް