ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސްރީ ލަންކާގެ ސިފައިންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

ސްރީ ލަންކާގެ ޑިފެންސް މިނިސްޓްރީ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސައުދީ އެމްބަސީއާ ދެމެދު ކުރިޔަށްގެންދިޔަ މަޝްވަރާގައި ވަނީ ލަންކާގެ ސިފައިންގެ ތެރެއިން މުސްލިމް ސިފައިންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފައެވެ.

ލަންކާގެ ސިފައިން ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އެގައުމުގެ އާމީ އިންނާއި ނޭވީގެ އިތުރުން އެއާފޯސްއެވެ.

ދެ ގައުމު ދެމެދު ކުރިޔަށްގެންދިޔަ މަޝްވަރާގައި ވަނީ މިއަހަރު މުސްލިމް ސިފައިންގެ ތެރެއިން ފަސް ފަރާތަކަށް ހިލޭ ހައްޖު ވުމުގެ ފުރުސަތު ދިނުމަށް ނިންމައިފައެވެ. އަދި އެކަމަށް ސައުދީ އިން ހާއްސަ ފަސް ކޯޓާ ދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ހައްޖުގެ އިތުރުން ހިލޭ އުމްރާ ވުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ނިންމާފައިވެއެވެ. އަދި އަންނަ އަހަރުން ފެށިގެން ސިފައިންނަށް ހާއްސަކޮށް އިތުރު ކޯޓާ ހޯދައި ދިނުމުގެ މަސައްކަތް ވެސް ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.