ސެލޫނެއްގައި ހަށިވިއްކަން އުޅުނު ކަމުގެ ކުށުގައި ބިދޭސީ ދެ އަންހެނުން ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، ސެލޫނެއްގައި މަސައްކަތް ކުރަމުންދިޔަ ތައިލެންޑް ދެ އަންހެނުންނެވެ. އޭގެ ތެރެއިން ވަންތަނާ ނިޔޮމް ނަމަކަށް ކިޔާ މީހާގެ އުމުރަކީ 22 އަހަރެވެ. އަދި ނަލިންރަޓް ކޮސޮލް ކިޔާ މީހާގެ އުމުރަކީ 39 އެކެވެ.

މި ދެ މީހުން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއިން ކޮންމެ މީހަކު 15 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.

މި މައްސަލައާ ބެހޭގޮތުން ކޯޓަށް ފުލުހުން ހުށަހެޅި ރިޕޯޓުގައި ވަނީ، މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން މަސައްކަތް ކުރާ ސެލޫންގައި ހަށިވިއްކުމުގެ އަމަލުތައް ހިންގާފައިވާ ހެކިތައް ހުށަހަޅައިފައެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ސެލޫން ބަލައި ފާސްކުރި އިރު ބަރަހަނާ ހާލުގައި ތިބި ދެ މީހުން ފެނުނު ކަމަށެވެ. އަދި ޖިންސީ އަމަލު ހިންގަން ބޭނުންކުރާ އާލާތްތައް އެތަނުން ފެނުނު ކަމަށްވެސް ފުލުހުންގެ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ނަމަވެސް ބަރަހަނާ ހާލުގައި އަތުލައިގަތް މީހުންނާ ބެހޭ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.