(31 މެއިގެ އަދަދާ ގުޅޭ)
މި ހާދިސާގެ ތަފްސީލަށް ބަލައިލާއިރު إبــــن هـشــام، أبــــوعــــون رضـــى اللّـــه عــنـــــه ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. ޢަރަބި އަންހެނެއް (ބާދިޔަތުގައި އުޅުއްވާ އަންޞާރިއްޔަ ބޭކަލެއްގެ އަނބިކަނބަލެއް) އެއްޗެހިތަކެއް ވިއްކަވާން (ކިރުވިއްކަވާން) ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވަޑައިގެންނެވިއެވެ. އެކަމަނާ އެ ބާޒާރުގައި ވިޔަފާރިކުރާންއުޅޭ ޖައުހަރީއެއްގެ ދުއްކާނުގައި މަޑުކޮށްލެއްވިއެވެ. ބާޒާރުމަތީގައި އުޅޭ ޔަހޫދީންގެ ވަކަރުގޭ ކުދީންތައް އައިސް އެކަމަނާއާ ހުތުރު ސަމާސާކުރި ވާހަކައާއި އެކަމާވިދިގެން މުސްލިމުންނާއި ޔަހޫދީންނާ ދެމެދު އުފެދުނު ހަމަނުޖެހުމުގެ ވާހަކަ އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކެތްތެރިވެވަޑައިގެންނެވުމުގެ ތަށިކޮޅު މިހާތަނުން ވަނީ ފުރިގެން ބަންޑުންވެފައެވެ. ޙަދީސުކުރެއްވިއެވެ. އަހަރެމެންނާއި އެބައިމީހުނާ ދެމެދު ޢަހްދުވެފައިވަނީ އެގޮތަށް ކަންތައް ކުރާކަށެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެންމެފުރަތަމަ ކުރެއްވިކަމަކީ ســـــورة الأنــفـــال ގެ 58 ވަނަ އާޔަތުގައިވާ ފަދައިން ޤައިނުޤާޢުވަންހައިގެ ޔަހޫދީންނާ މުސްލިމުންނާ ދެމެދުގައި ކުރެވިފައިވާ މުޢާހަދާގެ އަޚްލާޤީ ޒިންމާތަކުން މުސްލިމުން ބަރީއަވެގެންވާކަން އެއުރެންނަށް އެންގެވުމެވެ. އެބައިމީހުންނާއި މުސްލިމުންނާ ދެމެދު މިހާރު އެއްވެސް މުޢާހަދާއެއް ނެތްކަން ފާޅުގައި އިޢުލާންކުރެއްވުމެވެ. ބައިނަލްއަޤްވާމީ ސިޔާސަތުގައި މުޢާހިދުންގެ މެދުގައި ޢަމަލުކުރެވޭ މުސްތަޤިއްލު އިންސާފުވެރި ޕޮލިސީއަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤާއިމުކުރެއްވި ޕޮލިސީއެކެވެ. މުޢާހަދާ އެއްކޮށްފައިވާ ދެބަޔެއްގެ ތެރެއިން އެއްބަޔަކު ޢަހްދު އުވާލާނަމަ އަނެއްފަރާތަށް އެކަން ދުރާލައި އެންގުމަކީ ޖާހިލިއްޔަ ޒަމާނުގައި އޮންނަކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. މިޒަމާނުގެ "މުހައްޒަބު ޖާހިލިއްޔަތުގައި" ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި ރޫސީން ޖަރުމަނަށް ޙަމަލަދިނީވެސް ދުރާލައި އެކަން އަންގައިފައެއް ނޫނެވެ. ރޫސީންނާއި އިނގިރޭސީން އީރާނާ ދެކޮޅަށް ޢަސްކަރީ ޙަރަކާތްތައް ފަށައިގަތީވެސް މިގޮތަކަށެއް ނޫނެވެ. ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ އަރަހުށި މާތް اللّــــه އިންސާނިއްޔަތަށް ދެއްކެވި އެންމެފުރިހަމަ ނަމޫނާއެވެ. ހަނގުރާމައާއި ޞުލްޙައިގައިވެސް އެންމެރީތި ނަމޫނާއަކީ އެއީއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުސްލިމުންނާއި ޤައިނުޤާޢުވަންހައިގެ މީހުނާ ދެމެދު ކުރެވިފައިވާ މުޢާހަދާ ހަމަހަމަވެގެންވާ ގޮތުގެމަތީން އެބައިމީހުންނަށް ރައްދުކުރެއްވުމަށްފަހު އެބައިމީހުނާ ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވިއެވެ. ދެވަނަ އެހެންގޮތެއް ނެތިގެން މަޖްބޫރުވެވަޑައިގެންނެވެ. މަދީނާގެ މައްޗަށް ވެރިކުރެއްވީ أبــــولُـبــابــــة بـــن عــبــدالمـنــذر رضـــى اللّـــه عــنـــــه އެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އިސްލާމީ ލަޝްކަރުގެ ދިދަކޮޅުދެއްވީ އެމާތް ސާހިބާގެ ބޮޑުބޭބޭފުޅު حــمــــــزة بـــن عــبــد المـطّـلـــب رضــــى اللّــــه عــنـــــه އަށެވެ.
ޤައިނުޤާޢުވަންހައިގެ މީހުންނަށް އިސްލާމީ ލަޝްކަރު ފެނުމާއެކު އެބައިމީހުންގެ ކޯއްޓޭތަކަށްވަދެ ރައްކައުތެރިވެގެންފޫއެވެ. އިސްލާމީ ލަޝްކަރު ޔަހޫދީންގެ ކިއްލާތައް ވަރުގަދަޔަކަށް ޙިޞާރުކޮށްފިއެވެ. އިސްލާމީ ލަޝްކަރު ޤައިނުޤާޢުވަންހައިގެ މީހުންގެ ކިއްލާތައް ޙިޞާރުކުރީ ހިޖުރައިން ދެވަނަ އަހަރުގެ ޝައްވާލުމަހުގެ ފަނަރަވަނަ ދުވަހުއެވެ. ޙިޞާރު ދެމިއޮތީ ޛުލްޤަޢިދާމަހުގެ ހަނދު ފެންނާންދެނެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެހައިތަނުން ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެ މަތިވެރި ޒާތުފުޅުގެ ސުންނަތަކީ ބަޔަކު ހަނގުރާމަޔަކުން ބަލިކުރައްވައި ދެރަކުރައްވާން މިންވަރު ކުރައްވައިފި ކަމުގައިވާނަމަ އެބައެއްގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވުމެވެ. ޤައިނުޤާޢުވަންހައިގެ މީހުން ޙިޞާރުގައި ތިބޭން ނުކުޅެދި ހަތިޔާރު ބަހައްޓައިފޫއެވެ. އެބައިމީހުން ހަތިޔާރު ބެހެއްޓީ އެބައިމީހުންގެ ޖާނާއި މާލާއި އަނބިދަރީންނާމެދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކުރައްވާ ކޮންމެ ޙުކުމްފުޅެއް ޤަބޫލުކުރުމުގެ ޝަރުޠުގެ މައްޗަށެވެ.
މިއީވެސް މުނާފިޤުންގެ ވެރިޔާ عـبــد اللّـــه بـــن أبــّــي بـــن ســلـــول އޭނާގެ މުނާފިޤުކަމުގެ ކުލަވަރު ދައްކައިލި ވަގުތެކެވެ. ޤައިނުޤާޢުވަންހައިގެ މީހުންނަކީ މަދީނާގެ ޚަޒުރަޖުވަންހައިގެ ބޮޑުންކުރެ عــبـــادة بـــن الـصّـامـت رضــــى اللّـــه عـــنــــه އާއި عـبــد اللّـــه بـــن أبــّــي بـــن ســلـــول އާއެކު އެކުވެރިކަމުގެ މުޢާހަދާކޮށްގެން ޚަޒުރަޖުވަންހައިގެ ޙަލީފުންގެ ގޮތުގައި ދިރިއުޅެމުންއައި ބަޔެކެވެ. عــبـــادة بـــن الـصّـامـت رضــــى اللّـــه عـــنــــه ވަނީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު މައްސަލަ ޖެހުމާއެކު ޔަހޫދީންގެ އެކުވެރިކަމުން ބަރީއަވެވަޑައިގެންފައެވެ. ޔަހޫދީންގެ ޢަހްދު އެބައިމީހުންނަށް ދޫކޮށްލައްވައިފައެވެ. ނަމަވެސް عـبــد اللّـــه بـــن أبــّــي ދެމިހުރީ ޔަހޫދީންގެ އެކުވެރިކަމުގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި އޭނާ ނުހަނު ބާރުއަޅައިފައި ދެންނެވިއެވެ. "އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަޅުގަނޑުގެ އެކުވެރީންނާމެދު އިޙްސާންތެރިވެވަޑައިގަންނަވާށެވެ!"
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އޭނާއަށް އެއްވެސް ޖަވާބެއް ނުދެއްވައި ލަސްކޮށްލެއްވުމުން އަނެއްކާވެސް عـبــد اللّـــه بـــن أبــّــي އޭނާގެ ވާހަކަ ތަކުރާރު ކުރިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަނެއްފަރާތަށް މޫނުފުޅު އަނބުރައިލެއްވިއެވެ. عـبــد اللّـــه ނުހަނު އަދަބު ކުޑަކަމާއެކު އިތުރު ސާހިބާގެ ގަމީސްކޮޅުގެ ގިރުވާނުކޮޅުގައި ހިފައިފިއެވެ. އިތުރު ސާހިބާ ޙަދީސުކުރެއްވިއެވެ. "އަހުރެން ދޫކޮށްލާށެވެ." އޭރު މޫނުފުޅުމަތީން ކޯފާގެ އަސަރު ވަރަށްބޮޑަށް ފާޅުވެއެވެ. އަނެއްކާވެސް ޙަދީސުކުރެއްވިއެވެ. "ތިބާއާމެދު ހިތާމަހުއްޓެވެ! އަހަރެން ދޫކޮށްލާށެވެ!" އެކަމަކުވެސް އެ މުނާފިޤުކަލޭގެ އޭނާގެ ވާހަކަ ކުރެއް ނުކުރިއެވެ. އޭނާ ބުންޏެވެ. "ކަލާކޮށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ ޙަލީފުންނާމެދު އިޙްސާންތެރިވެވަޑައިނުގަންނަވަނީހެއް ކަލޭގެފާނު ދޫކޮށެއް ނުލާނަމެވެ. އެ ހަށިގަނޑު ހާމަޔަށް ހުންނަ (ދަހަނާ ނާޅާ) ހަތަރުސަތޭކަ ޒުވާނުންނާއި ދަހަނާއެޅި ތިންސަތޭކަ މީހުންނަކީ ކޮންމެ ނުރައްކަލަކުން އަޅުގަނޑު ދިފާޢުކުރާ މީހުންނެވެ. ކަލޭގެފާނު ތިޔަ އުޅުއްވަނީ އެންމެ ދުވަހަކުން އެބައިމީހުން ޤަތުލު ކުރައްވާންތޯއެވެ؟ واللّــــه އެވެ! ޒަމާން ދައުރުވާގޮތުގެ ނުރައްކާ އަޅުގަނޑަށް އެބަ އިޙްސާސު ކުރެވެއެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެންމެފަހުން އެ މުނާފިޤުކަލޭގެޔަށް ރިޢާޔަތް ކުރެއްވިއެވެ. (އޭރު އެކަލޭގެ ބޭރުފުށުން އިސްލާމްވިތާ ގާތްގަނޑަކަށްވާނީ މަހެއްހައި ދުވަހެވެ.) އޭނާޔަށްޓަކައި އެބައިމީހުންގެ ޖާނު ސަލާމަތްކޮށްދެއްވިއެވެ. އޭނާ އެދުނުފަދައިން އެބައިމީހުން އަރުވާލެއްވިއެވެ. އެބައިމީހުންނަށް އެންގެވިއެވެ. "މަދީނާއިން ނުކުމެގެންދާށެވެ. ތިޔަބައިމީހުން އަހުރެމެންގެ އަވަށްޓެރިކަމުގައި ތިބެގެނެއް ނުވާނެއެވެ." އެބައިމީހުން މަދީނާއިން ފައިބައިގެން ޝާމުކަރައިގެ އަޒްރުޢާތަށް ހިނގައްޖެއެވެ. އަހަރެއްހައި ދުވަހުގެ ތެރޭގައި އޭގެތެރެއިން ގިނަމީހުންވަނީ މަރުވެފައެވެ. އިސްލާމީ ދައުލަތުން އެބައިމީހުންގެ މުދާ ޣަނީމާކުރައްވައި ޣަނީމާ ބައްސަވާމަގުން އެތަކެތި މުސްލިމުންގެ މެދުގައި ބައްސަވައިދެއްވިއެވެ. ދައުލަތުގެ ފަރާތުން އެކަން ބެލެހެއްޓެވީ محــمّــــد بـــن مسـلـمـة رضـــى اللّــــه عــنـــــه އެވެ.
މި ސިލްސިލާގައި އަޅުގަނޑު ލިޔަމުން އަންނަފަދައިން ޔަހޫދީންގެ އެންމެންނަކީވެސް މުސްލިމުންނާމެދު ނީހަވެރި ބަޔެކެވެ. ޙަސަދައިގެ އަލިފާނުން އަބަދުމެފިހި މާލަމުންދާ ބަޔެކެވެ. އެކަމަކު ޔަހޫދީންނަކީ ހަނގުރާމައިގެ މައިދާނުގެ ފިރިހެން ބައެއް ނޫނެވެ. އެހެންކަމުން އެބައިމީހުން ޢަދާވަތްތެރިކަން ފާޅުކުރުމަށްޓަކައި ބޭނުންކުރަނީ ހަނގުރާމައިގެ މައިދާނެއް ނޫނެވެ. ނުބައި ރޭވުންތަކެވެ. ފިތުނަފަސާދަ އުފެއްދުމެވެ. ބާވަތްބާވަތުގެ ޙީލަތްތެރި ރޭވުންތައް ރޭވުމެވެ.
ނަޟީރުވަންހައިގެ މީހުންނަކީވެސް މަދީނާގެ މީޘާޤުގައި ބައިވެރިވެފައިވާ ބަޔެކެވެ. އިސްލާމީ ދައުލަތުގެ ރައްޔިތުންކަމުގައި ވެގެންތިބި ބަޔެކެވެ. އެކަމަކު އެބައިމީހުންވެސް ގެންދިޔައީ މުސްލިމުންނަށް ދެރަދޭން އެކިއެކި ޙީލަތްތަކާއި މަކަރުތައް ހަދަމުންނެވެ. ޝައްކެއްނެތެވެ. ޤައިނުޤާޢުވަންހައިން މީހުން އަރުވާލެއްވެމުން މަދީނާގައި ދެންތިބި ޔަހޫދީންތައް ތިބީ ބިރުގަނެ ކުޑައިކޮށް މައިތިރިވެލައިފައެވެ. ތަންކޮޅެއް ހިމޭންވެލައިފައެވެ. އެކަމަކު އުޙުދު ހަނގުރާމައާއި رجـيــع ގެ ހާދިސާއާއި بــئـرمـعــــونـــة ގެ ހާދިސާއަށްފަހު އަނެއްކާވެސް އެބައިމީހުންގެ ފިޔަފަޅައިފިއެވެ. ޒީލަ ގަދަވެއްޖެއެވެ. ފަންވަރު އާވެއްޖެއެވެ. އަނެއްކާވެސް ފާޅުގައި ޢަހްދާ ޚިލާފުވާން ފަށައިފިއެވެ. މުސްލިމުންގެ ޢަދާވަތްތެރީންކަމުގައިވާ މަދީނާގެ ފަސްވަނަކޮލަމުގެ މުނާފިޤުންނާއި މައްކާގެ މުޝްރިކުންނާ ބައިވެރިވެގެން މުސްލިމުންނަށް ދެރަދިނުމަށާއި މުޝްރިކުންނަށް ވާގިދިނުމަށް މަސައްކަތްކުރަމުން ގެންދިޔައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެބައިމީހުން ރާވާ ހުރިހާ ކަމެއްގެ ޚަބަރު ލިބިވަޑައިގަންނަވަމުންދެއެވެ. ނަމަވެސް އެމާތް ސާހިބާ ގެންދެވީ ކެތްތެރިވެވަޑައިގަންނަވަމުންނެވެ. އެބައިމީހުން ރާވާ ރޭވުންތައް އެނގިވަޑައިނުގަންނަވާކަމުގައި ހައްދަވަމުންނެވެ. އެކަމަކު ނަޟީރުވަންހައިގެ ޔަހޫދީންގެ ޖެހިލުންކުޑަކަން ހައްދުފަހަނަޅައިގޮސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރުމުގެ ރޭވުންތައް ރާވާން ފަށައިފިއެވެ.
ޤުރައިޝުވަންހައިގެ މީހުން ނަޟީރުވަންހައިގެ މީހުންނަށް ޚަބަރު ފޮނުވިއެވެ. "ތިޔަބައިމީހުން محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ޤަތުލުކޮށްލާށެވެ. އެހެންނޫނީ އަހަރެމެން މަދީނާއަށްގޮސް ތިޔަބައިމީހުންވެސް ވުޖޫދުން ފޮހެލާނޫއެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރުމަކީ ނަޟީރުވަންހައިގެ މީހުންވެސް ކުރާން ބޭނުންވެފައިތިބި ކަމެކެވެ. އެހެންކަމުން ޤުރައިޝުންގެ މެސެޖު ލިބުމާއެކު އެބައިމީހުން އަވަސްއަވަހަށް އެކަމާ އުޅޭންފަށައިގަތެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން