އަންނަ ސީޒަނުގައިވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ލީގު މެޗުތަކުގައި ބޭނުންކުރަން ބޭނުންވާ ކަމަށް ޕްރިމިއާ ލީގުގެ 19 ކްލަބަކުން ވޯޓު ދީފިއެވެ.
އަންނަ ސީޒަނުން ފެށިގެން ވީއޭއާރު ބޭނުން ނުކުރަން ވުލްވްސްއިން ފުރަތަމަ ހުށަހެޅީ ޕްރިމިއާ ލީގުގެ 20 ކްލަބުން ރަސްމީކޮށް ހަރޮގޭޓްގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. ވުލްވްސްގެ އެ ހުށަހެޅުމާއެކު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ވޯޓަކަށް ދާން މަޖުބޫރުވިއެވެ. އެ ހުށަހެޅުން ފާސްވާން އޮތީ 14 ކްލަބެއްގެ ވޯޓު ލިބިގެންނެވެ.
އެހެން އެކަން އޮއްވައި އިއްޔެ ވޯޓަށް އެހުމުން ޕްރިމިއާ ލީގުގައި ވީއޭއާރު ބޭނުން ނުކުރަން ވޯޓު ދިނީ ހުށަހެޅި ވުލްވްސްއިން އެކަންޏެވެ. ވުލްވްސްއިން މިއަދު ބުނީ ވޯޓުގެ ނަތީޖާއިން މާޔޫސްވީ ނަމަވެސް، ވީއޭއާރަށް ހެޔޮ ބަދަލުތަކެއް ގެންނަން ލީގުގެ ކްލަބުތަކުން ހުށަހެޅި ކަންތައްތަކުން ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.
އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމްވެސް ބޭނުންކުރަން ނިންމާފައިވާ އިރު، މިއަދު ކްލަބުތަކުން ލީގަށް އެދިފައިވަނީ ވީއޭއާރުގެ ބަދަލުތައްވެސް އަންނަ ސީޒަނަށް ގެންނާށެވެ. އެގޮތުން ވީއޭއާރު ބޭނުންކޮށްގެން ނިންމާ ނިންމުންތައް އަވަސްކުރުމުގެ އިތުރުން ވީއޭއާރު ބޭނުންކޮށްގެން ނިންމާ ނިންމުންތައް މަދުކޮށް، ވީއޭއާރަށް އޮން ފީލްޑް ރެފްރީގެ ނިންމުންތަކަށް ބަސް ބުނެވޭ ހާލަތްތައްވެސް މަދުކުރަން ކްލަބުތަކުން ވަނީ ނިންމައިފައެވެ.
ޕްރިމިއާ ލީގަށް ވީއޭއާރު ތައާރަފު ކުރީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ވީއޭއާރުގެ އެހީ ވަރަށް ބޮޑަށް ލީގުގައި ބޭނުންކުރަމުންދާ އިރު، ވީއޭއާރުގެ ސަބަބުން މައްސަލަ ބޮޑެތި ނިންމުންތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ. ވީއޭއާރު ރަނގަޅު ކުރުމަށް ރެފްރީންގެ ޖަމިއްޔާއާއެކު މަސައްކަތް ކުރަމުންދާ ކަމަށް ޕްރިމިއާ ލީގުން ދާދިފަހުން ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު