ފުވައްމުލަކުގައި ޑައިވިނަށް ދިޔަ ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ޗައިނާ ފަތުރުވެރިއެއް، ޑައިވްކޮށް ނިންމުމަށްފަހު ދޯންޏަށް އެރި ފަހުން، ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 11:26 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މަރުވީ ފުވައްމުލަކުގައި ހިންގާ ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިންއަށް ދިޔަ އުމުރުން 70 އަހަރުގެ ޗައިނާ ފަތުރުވެރި އެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.