ކުރިއަށް އޮތް ޔޫރޯ 2024 އަށް ތައްޔާރުވަމުންދާ ފްރާންސާއި ސްޕެއިނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ފަސޭހައިން މޮޅުވެއްޖެއެވެ.
ޔޫރޯ ކުރިން ގިނަ ގައުމުތަކަކުން ކޭމްޕްކޮށް، އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ އިރު، ފްރާންސުން ރޭ ކުޅުނީ ލަކްސަމްބާގާ ދެކޮޅަށެވެ. އެ މެޗު އަމިއްލަ ގައުމުގައި ފްރާންސުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ފްރާންސުން ރޭ ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގިއެވެ. މެޗުގައި އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނު ފްރާންސުން ފުރަތަމަ ހާފު ނިމެންދަނިކޮށް ލީޑު ނެގީ ރަންޑަލް ކޯލޯ މުއާނީ ޖެހި ގޯލަކުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. ރޭގެ މެޗުގައި މޮޅަށް ކުޅުނު އެމްބާޕޭ ވަނީ 70 ވަނަ މިނެޓުގައި ފްރާންސުން ޖެހި ދެވަނަ ގޯލަށްވެސް އެސިސްޓް ކޮށްދީފައެވެ. އެ ގޯލު ޖެހީ ޖޮނަތަން ކްލައުސްއެވެ.
މެޗު ނިމެން ދަނިކޮށް އެމްބާޕޭގެ ގޯލެއްވެސް ފެނިގެން ގޮސްފައިވެއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ.
ސްޕެއިނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އެންޑޯރާ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގައި މިކޭލް އޮޔަރްޒަބާލް ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން އަނެއް ދެ ގޯލު ޖެހީ އަޔޯޒީ ޕެރޭޒާއި ފެރާން ޓޮރެސްއެވެ.
އެ ދެ ގައުމުގެ އިތުރުން ބެލްޖިއަމުންވެސް ރޭ އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެ މެޗުގައި މޮންޓެނީގްރޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބެލްޖިއަމްގެ ގޯލުތައް ޖެހީ ކެވިން ޑި ބްރޭނާ އާއި ލެއާންޑްރޯ ޓްރޮސާޑެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024