އއ. ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށްބުނެ އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށް ހިނގި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 1:00 ހާއިރުން ފެށިގެން ކައުންސިލު ކުރިމަތީގައި މުޒާހަރާކޮށް މަސްލަހަތު ނަގައިލަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ކައުންސިލު އިދާރާގެ ފުރާޅުމައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރަމުންދާތީ އެގޮތަށް އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެ ފުލުސް މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

އެމީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާ މެދު ހިތްހަމަނުޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި މުޒާހަރާކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގައު އުކުމުގެ ސަބަބުން އެ އިދާރާގެ ދޮރުގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މުޒާހަރާއާ ގުޅޭ މައުލޫމާތު ހޯދުމަށް ތޮއްޑޫ ކައުންސިލުގެ ރައީސް، އަހުމަދު ކަރަމްއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް މިކަމުގައި ވަނީ ލިބޭ ގޮތް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާކުރަމުންދަނީ ތޮއްޑޫ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، ތިން މަސް ވީއިރުވެސް ކައުންސިލުން އެ ބިންތައް ދޫކޮށްފައި ނުވާތީއެވެ. ގޮއިބިން ހިމެނޭ ސަރަހައްދަކީ ތޮއްޑޫގެ ތިންބައިކުޅަ އެއްބައެެކެވެ. އެއީ ބިންގަނޑު ރަނގަޅު ސަރަހައްދެކެވެ.