ހަތް ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމަށް އެޗްޑީސީއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ޕްރޮގްރާމަކީ، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

  • ކޮމްޕިއުޓާ ހާޑްވެއާ އެންޓް ނެޓްވޯކިން
  • ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
  • ފްރަންޓް އޮފީސް
  • ގާޑްނިން
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
  • މޭސަންރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން

އެޗްޑިސީން ބުނީ، އެ ޕްރޮގްރާމް ކުރިއަށްދާނީ ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ. އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ފުރުސަތު އޮތް މިންވަރަކުން، ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި އޯލެވެލް ނިންމާފައި ނުވަތަ ލެވެލް ދޭއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.